ޚަބަރު

ޕީއެޗްޑީ ފެންވަރުގެ 3 ކޯހެއް ޔުނިވަރސިޓީގައި ފަށަނީ


މިއަހަރުގެ ތެރޭގައި ޤައުމީ ޔުނިވަރސިޓީގައި 3 ދާއިރާއަކުން ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ވިދާޅުވެއްޖެއެވެ.

ޤައުމީ ޔުނިވަރސިޓީއިން ޕީއެޗްޑީ ފެންވަރުގެ ކޯހެއްގެ ގޮތުގައި މިހާރު ހިންގަމުންދަނީ ހަމައެކަނި ތަޢުލީމީ ދާއިރާގެ ކޯހެކެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ އަލީ ފަވާޒް ޝަރީފް ވިދާޅުވީ، ޔުނިވަރސިޓީގައި ތަޢުލީމީ ދާއިރާގެ އިތުރުން ޝަރީޢާގެ ދާއިރާ، އިސްލާމިކް ސްޓަޑީޒް އަދި އާރޓްސްގެ ދާއިރާއިން މިއަހަރުގެ ތެރޭގައި ކޯހެއް ފެށުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މިގޮތުން ޝަރީޢާގެ ދާއިރާއިން ޕީއެޗްޑީ ކޯހެއް ފެށުމަށްޓަކައި ހުއްދަ ދެވިފައިވާކަމަށާ، އަދި އާރޓްސް ދާއިރާއިން ކޯހެއް ފެށުމަށްޓަކައި ކޯސް އެކުލަވާލާ ނިންމާފައިވާކަމަށް ފަވާޒް ވިދާޅުވިއެވެ.

ދެހާސް އެގާރަވަނަ އަހަރު އުފެދުނު ޤައުމީ ޔުނިވަރސިޓީ އިން ސެޓްފިކެޓް ލެވެލްގެ އެކި ކޯސްތަކުން ފެށިގެން ޕީއެޗްޑީ ފެންވަރުގެ ކޯސްތައް ދަނީ ހިންގަމުންނެވެ.