ޚަބަރު

ކުދި ވިޔަފާރިތަކަށް ޚާއްސަކޮށްގެން ހުޅުމާލޭގައި ގުދަން ޢިމާރާތެއް އަޅަނީ


  • މި މަޝްރޫއާއިއެކު ކުދި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ފުޅާވާނެ

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ވެއަރހައުސިން ނުވަތަ ގުދަނަށް ޚާއްޞަ ޢިމާރާތެއް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން އެ ފުރުސަތު ހުޅުވައިލައިފިއެވެ.

ބީސީސީން ބުނީ މިއީ ދިވެހި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވެއަރހައުސިންގގެ ފުރުސަތު ފަހި ކޮށްދިނުމަށް ބީސީސީން ހިންގާ މަޝްރޫޢެއްކަމަށެވެ. މި ފެސިލިޓީ ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ ލޮޓް 10681 ގައެވެ.

މި މަޝްރޫއާއެކު ކުދި ވިޔަފާރިތަކަށް ލޮޖިސްޓިކަލް ސަޕޯޓު ފޯރުކޮށްދޭނެކަމަށް އެ ކުންފުނިން ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ބީސީސީން ކަނޑައަޅައިފައިވަނީ ޕާޓނަރޝިޕް އުސޫލުން ކޮންޓްރެކްޓަރ ފައިނޭންސިންގ، ޖޮއިންޓް ވެންޗަރ ނުވަތަ ލީސް މޮޑެލް ހިމެނޭހެންކަމަށް ވަނީ ވިދާޅުވެފައެވެ.

ވެއަރހައުސިންގ އިމާރާތް އަޅަން ޝައުގުވެރިކަން ފާޅު ކުރާއިރު، ޑިޒައިން، އިންޖިނިއަރިންގ، ކޮންސްޓްރަކްޝަން އަދި ފެސިލިޓީ ހިންގާނެ ގޮތުގެ ތަފްސީލު ހުށަހަޅަންވާނެ ކަމަށް ބީސީސީއިން ވަނީ ވިދާޅުވެފައެވެ. ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލްގައި އެ ފަރާތުން ހުށަހަޅާ ޕާރނަރޝިޕް އުސޫލު ކަނޑައަޅަންޖެހޭނެއެވެ.

މި މަޝްރޫޢަކީ ބީސީސީން ކުދި ވިޔަފާރިތަކަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރު ސިނާއަތަކަށް ފުޅާ ވެގެންދާނެ ފަދަ މަޝްރޫޢެއްކަމަށް ބީސީސީން ވަނީ ފާހަގަކުރައްވާފައެވެ.