ޚަބަރު

ސެޓެލައިޓް މެދުވެރިކޮށް ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށް ދަނީ މަސައްކަތްކުރަމުން: ދިފާޢީ ވަޒީރު


  • ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާރުވެސް ޑްރޯން މެދުވެރިކޮށް ދަނީ ބަލަހައްޓަމުން

ސެޓެލައިޓު މެދުވެރިކޮށް ރާއްޖޭގެ ކަނޑު ސަރަހައްދު ބެލެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ދިފާޢީ ވަޒީރު މިހެން ވިދާޅުވީ، ޕީއެސްއެމުން ގެނެސްދޭ "ދިވެހީންގެ އަޑު ދުނިޔެއަށް" ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީއެސްއެމުން ގެނެސްދޭ ދިވެހީންގެ އަޑު ދުނިޔެއަށް ކަވަރޭޖުގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ "ޕްރޯ މޯލްޑިވްސް" ސިޔާސަތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެ ސިޔާސަތުގެ ދަށުން ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރަން އަންނަ ކޮންމެ ޤައުމަކާއެކުވެސް އަސްކަރީ ގުޅުން ޤާއިމްކޮށްގެން ކުރިއަށް ދިއުމުގެ ފުރުސަތު އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ހުރީ ބައިނަލްއަޤްވާމީ މުޖްތަމަޢުގައި ދިވެހިރާއްޖޭގެ މަސްއޫލިއްޔަތު އަދާކުރަންކަންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ ފެންވަރުގައި ރޭވިގެން ހިންގާ ބޮޑެތި ކުށްތައް ރާއްޖޭގެ ހިމެނޭ ކަނޑުގެ ސަރަހައްދުގައި ކުރެވުމުންދަނީ، މި ސަރަހައްދަކީ ދުނިޔޭގެ ވިޔަފާރީގެ މައިމަގެއް އޮތް ސަރަހައްދު ކަމުގައިވުމުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެކަމާއި ގުޅިގެން ރާއްޖެއިންވެސް ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތައް އިތުރުކުރެވުނު ޑްރޯންތަކާއިއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން ފުޅާކުރެވިފައިވާކަމަށެވެ.

"އެގޮތުން މިއަހަރު ތެރޭގައި ވައިގެ މަގުން އަޅުގަނޑުމެންގެ ސަރަހައްދު ބަލައި ހަމާލާ ދޭން ޖެހިއްޖެނަމަ އެކަމުގެ ޤަބިލީއްޔަތުކަން ހުރި، ދިވެހިރާއްޖެ ޤަބޫލުކުރާ ޔޫސީއޭވީސް ރާއްޖޭގެ ސިފައިންގެ ޚިދުމަތުގެ ތެރެއަށް އިންޑަކްޓް ކޮށްދެއްވީ. އަޅުގަނޑުމެންނަށް މިހާރު އަޅުގަނޑުމެންގެ ސަރަހައްދު ވަރަށް ފުޅާކޮށް ބެލެހެއްޓެން ފެށިއްޖެ." ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.

ޣައްސާން ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވަރު މާ ފުޅާކަމަށް ވިދާޅުވެފައެވެ. އެގޮތުން މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން އުފައްދައިގެން މަސައްކަތްކުރަމުންދާ ޒުވާނުންތަކެއް ދިފާޢީ ވުޒާރާއާއެކު މަސައްކަތް ކުރައްވަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި މި ޒުވާނުންނަކީ އެމެރިކާގެ ޖައްވީ އިދާރާގެ ފަރާތްތަކާއިވެސް މުޢާމަލާތް ކުރާ ޒުވާނުންތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިއާއެކު މިމަސައްކަތުގެ ތެރެއިން ޖައްވަށް ފޮނުވާފައިވާ ސެޓެލައިޓު މެދުވެރިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ނިޒާމު ދާދި އަވަހަށް ޤާއިމުކުރެވޭނެ ކަމަށް ދިފާޢީ ވަޒީރު ވިދާޅުވިއެވެ.

"މިމަސައްކަތުގެ ތެރެއިން އަޅުގަނޑުމެން މިބަލަނީ، އަޅުގަނޑުމެންގެ މެރިޓައިމް ޑޮމެއިން ނުވަތަ ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތް ވަރަށް ކައިރި މުސްތަޤުބަލެއްގައި، އިރާދަކުރެއްވިއްޔާ ސެޓެލައިޓް މެދުވެރިކޮށްވެސް ބެލޭނެ ނިޒާމެއް ޤާއިމްކުރަން. މިކަންކަން ކޮށްގެން ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ ބައިނަލްއަޤްވާމީ ޒިންމާ އުފުލައި އަޅުގަނޑުމެންގެ ސަރަހައްދުންވެސް ސުލްހަވެރިކަމާއެކު ދަތުރުކުރެވޭނެ ގޮތް ހެދުން." ޣައްސާން ވިދާޅުވިއެވެ.


ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބެލެހެއްޓުމުގެ ޤާބިލިއްޔަތުކަން އިތުރުކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައެވެ. އެގޮތުން މިއަހަރު ކުރީކޮޅު ދިވެހި ސްކަރީއްޔާގެ ވައިގެ ބަހާ އުފައްދައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑިރިއު ބެލެހެއްޓޭނެ އިންތިޒާމު ވަނީ ހަމަޖައްސަވާފައެވެ.

އެމްއެންޑީއެފް އެއަރ ކޯރގެ ދަށުން އަންމޭންޑު އޭރިއަލް ވެހިކަލް، ނުވަތަ ޑްރޯން އޮޕަރޭޓްކުރާނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމްކޮށްފައިވާ އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައެވެ. މި ޔޫއޭވީތަކާއެކު ރާއްޖޭގެ ނުވަލައްކަ އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ޚާއްސަ އިޤްތިޞާދީ ސަރަހައްދު ދިވެހިންގެ އަމިއްލަ ބާރުވެރިކަމުގައި ފުރަތަމަ ފަހަރަށް ބެލެހެއްޓުމުގެ ޤާބިލީއްޔަތު ލިބިފައިވާކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.