ޚަބަރު

ރާއްޖެއާއި އޮސްޓްރޭލިއާގެ އިސް އޮފިޝަލުންގެ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބާއްވައިފި


  • މި ބައްދަލުވުމުގައި ތަންފީޒީ އިދާރާތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރެއްވި

ރާއްޖެއާއި އޮސްޓްރޭލިއާ ދެމެދު ގުޅުން ބަދަހިކުރުމަށް، ދެ ޤައުމު ދެމެދު ފުރުތަމަ އިސް އޮފިޝަލުންގެ މަޝްވަރާ ބައްދަލުވުން ބާއްވާއިފިއެވެ. މި މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ ދިވެހި ޚާރިޖިއްޔާގައެވެ.

ދިވެހި ޚާރިޖިއްޔާގައި ބޭއްވި މި ބައްދަލުވުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން މިހާރަށްވުރެން އިތުރަށް ބަދަހިކުރުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ ފޮރިން ސެކްރެޓަރީ ފާޠިމަތު ޢިނާޔާއެވެ. އަދި އޮސްޓްރޭލިއާ ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ފަސްޓް އެސިސްޓެންޓް ސެކްރެޓަރީ ސާރާ ސްޓޯރީއެވެ.

މި ބައްދަލުކުރެއްވުމުގައި، ތަފާތު ދާއިރާތަކާ ބެހޭގޮތުން ދެ ޤައުމުގެ މެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އޭގެ ތެރޭގައި، ވެރިކަން ހިންގުމާއި، ޑިމޮކްރަސީއާއި، ވިޔަފާރީގެ ދާއިރާއާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދިފާޢީ، ސަލާމަތާއި، ތަރައްޤީގެ ދާއިރާ ހިމެނެއެވެ.

ރާއްޖެއާއި އޮސްޓްރޭލިއާގެ މި ބައްދަލުވުމުގައި، އިޤްތިޞާދީ ގުޅުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކޮށް، ތަރައްޤީއާއި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭހެން އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާއި، ފުރުސަތުތައް ފަހިކުރުމަށް މަޝްވަރާކުރެވިއެވެ. މީގެ އިތުރުން ތިމާވެށީގެ ދާއިރާއިން މޫސުމަށް އަންނަ ބަދަލުތާކާއި ދެކޮޅަށް އެކުގައި މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

މިމަޝްވަރާތަކުގައި އިންޑޯ ޕެސިފިކް ސަރަހައްދުގެ ސަލާމާތާއި ރައްކާތެރިކަމަށް އެކުގައި މަސައްކަތް ކުރުމާއި، ކާރިސާތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ކުރެވޭ މަސައްކަތުގެ އިތުރުން އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ދެ ޤައުމުގެ ފުލުހުންގެ ޚިދުމަތާއި ބޯޑަރ ސެކިއުރިޓީ ޚިދުމަތްތައް އެކުގައި މަސައްކަތްތައް ކުރުމަށް ދެ ޤައުމުން މަޝްވަރާކުރެއްވިކަމަށްވެސް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވިއެވެ.

މިމަޝްވަރާތަކުގައި ސަޤާފީ ގުޅުން ބަދަހިކުރުމަށް ވާހަކަ ދެކެވިފައިވާއިރު، ރާއްޖެއިން ވަނީ މިފަދަ ގިނަކަންކަން ތަންފީޒު ކުރެވޭނީ ދެޤައުމަށްވެސް އެއްބެސްވެވޭ ހަރުދަނާ ފްރޭމްވޯކެއްގެ ތެރެއިންކަން ފާހަގަކުރައްވާފައެވެ. އަދި ދެފުށްފެންނަ ޖަވާބުދާރީ ކުރަނިވި، ސަރުކާރުގެ މަސައްކަތަށް ރައްޔިތުންގެ އިތުބާރު ދެމެހެއްޓޭ އިސްތިރާޖުތަކެއް ޤާއިމްކުރުމާއި މެދު ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދިވެހ ޚާރިޖީއްޔާއާއި، ބައެއް ވުޒާރާތަކާއި ތަންފީޒީ އިދާރާތަކުގެ އިތުތުން ޤައުމީ ދިފަޢީ ބާރު އަދި ބަންޑާރަ ނައިބުގެ އޮފީހުން ބައިވެވެފައިވެއެވެ. ދިވެހި ޚާރިޖީއްޔާއިން ވަނީ މި ބައްދަލުވުން ކާމިޔާބުކަން ދިވެހި ފާހަގަކޮށް، ކުރިއަށްވެސް ގުޅުން ބަދަހިކުރުުމަށް އިތުރު ބައްދަލުވުންތައް ބާއްވާނެކަމަށް ވިދާޅުވެފައެވެ.