ޚަބަރު

2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއް: ރައީސުލްޖުމްހޫރިއްޔާ


  • ރައީސުލްޖުމްހޫރިއްޔާ ވަނީ ތަަރައްޤީގެ މަގުން ރާއްޖެއިން ހޯދަމުންދާ ކުރިއެެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ.

2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދގެ 79 ވަނަ އާއްމު މަޖިލީހުގައި ދެއްވި ތަޤުރީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި ވިދާޅުވީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ 75 އަހަރުފުރުން 2040 ވަނަ އަހަރު ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، ރާއްޖެއިން ހާސިލުކުރަން ބޭނުންވާ އަމާޒުތަކެއް އެބަހުރިކަމަށެވެ. އަދި އދގައި މިއަދު ތަޤުރީރުކުރައްވާއިރު، ރާއްޖެއާމެދު ދެކޭ ތަސައްވުރެއް އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭއިރު ރާއްޖެއަކީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމަކަށް ހެދުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެއަކީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކަށްވުމަކީ އަޅުގަނޑުގެ އުއްމީދު" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަކީ އުނދަގޫ މަސައްކަތެއްކަމަށް ހީވިޔަސް، ނަމަވެސް އަމާޒެއް އޮވެގެން މަސައްކަތްކޮށްފިނަމަ އެއީ ހާސިލު ނުކުރެވޭނެ ކާމިޔާބީއެއް ނޫންކަމަށެވެ. އަދި ދަތި އުނދަގޫ މަރުހަލާތައް ކަޑައްތުކޮށްގެން ކާމިޔާބަށް ވާސިލުވުމަށް މަސައްކަތްކުރުމަކީ ރާއްޖެއަށް އައު ކަމެއް ނޫންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުނުއިރު ރާއްޖެއަކީ ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމަށެވެ. ޤައުމުގެ ގިނަ މީހުންނަށް ލިޔަން ކިޔަން ނޭނގޭއިރު، އުފަންވާ ކޮންމެ 10 ކުއްޖެއްގެ ތެރެއިން އެއް ކުއްޖަކު އޭރު މަރުވަމުންދިޔަކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ނަމަވެސް އޭގެ 50 އަހަރުފަހަށް ބަލާއިރު ރާއްޖެ މިއަދު މިއޮތީ އެންމެ ކުޑަކޮށް ތަރައްޤީވަމުން އަންނަ ޤައުމަކުން، ތަރައްޤީވަމުން އަންނަ ޤައުމަކަށްވެފައި. މިއީ އަޅުގަނޑުމެން ފަހުރުވެރިވާކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުރަންޖެހޭ މަސައްކަތްތައް ކޮށްފިނަމަ ރާއްޖެއަކީ އެންމެ ބޮޑަށް ތަރައްޤީވެފައިވާ ޤައުމަކަށްވުމަކީ ނުވާނެ ކަމެއް ނޫންކަމަށެވެ. އެގޮތުން އުފެއްދުންތެރިކަން އިތުރުކޮށް، އިޤްތިޞާދު ޑިޖިޓައިޒްކޮށް، އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން އިތުރުކުރަންޖެހޭކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް ގެނެވޭނީ އުފެއްދުންތެރިކަން އިތުރުކޮށްގެންކަމަށާއި، އެކަމަށްޓަކައި މުުއައްސަސާތައް ހަރުދަނާކޮށް، އިސްލާހުކުރަންޖެހޭކަމަށެވެ. އަދި ރާއްޖެއިން ތަރައްޤީ ގެންނައިރު އެއްވެސް ރައްޔިތަކު ބާކީނުކޮށް އެކަން ކުރުމަކީ އެންމެ ބޮޑު އަމާޒުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.