ޚަބަރު

ސްރީލަންކާގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެ


  • މިއީ ސްރީލަންކާގެ 3ވަނަ އަންހެން ބޮޑުވަޒީރު

  • ރައީސް ވަނީ ދެޤައުމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް އައްޔަން ކުރެއްވި ޑރ. ހަރީނީ އަމަރަސޫރިޔެއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ އައު ބޮޑުވަޒީރަށް މަރުހާބާ ދަންނަވައި، ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބޮޑުވަޒީރު ޑރ. ހަރީނީގެ ބެލުމުގެ ދަށުން ސްރީލަންކާއަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ޔަޤީންކުރައްވާކަމަށެވެ. އަދި އެތައް ގަރުނެއްވެފައިވާ ރާއްޖެއާއި ލަންކާ ގުޅުން އިތުރު ބަދަހިކުރެއްވުމަށް ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އުންމީދު ކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަޤާމަށް ޑރ. ހަރީނީ އަމަރަސޫރިޔެ ޢައްޔަންކުރައްވަން އެ ޤައުމުގެ އައު ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ނިންމެވުމާއި ގުޅިގެން، އެކަމަނާ ވެފައިވަނީ ސްރީލަންކާގެ 16 ވަނަ ބޮޑުވަޒީރަށެވެ. އެކަމަނާއަކީ ޤާނޫނު ހަދާ މަޖިލީހުގައި ދިސާނަޔަކަގެ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދު ތަމްސީލު ކުރައްވާ މެންބަރެކެވެ. އެކަމަނާ, ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުވެ ވަޑައިގަންނަވާފައި ވަނީ 2020ވަނަ އަހަރުއެވެ.

އަމަރަސޫރިޔެއަކީ ޔުނިވަރސިޓީ އޮފް އެޑިންބްރާއިން ސޯޝަލް އެންތުރޮޕޮލޮޖީގެ ދާއިރާއިން ޑޮކްޓަރޭޓު ހާސިލު ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ސްރީލަންކާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ހަވާލުވެ ވަޑައިގަންނަވާ ތިންވަނަ އަންހެން ބޭފުޅާއެެވެ.