ޚަބަރު

އޮސްޓްރޭލިއާގެ އައު ކޯޗަކަށް ޓޯނީ ޕޮޕޮވިޗް ހަމަޖައްސައިފި


އޮސްޓްރޭލިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ޓޯނީ ޕޮޕޮވިޗް ހަމަޖައްސައިފިއެވެ.

އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ހުސްވީ، ފަހަކަށް އައިސް އެ ޓީމުން ނެރެމުންއައި ދަށް ނަތީޖާތަކުގެ ސަބަބުން ދާދިފަހުން އެ މަގާމުގައި ހުރި ގްރަހަމް އާނޯލްޑް އިސްތިއުފާދިނުމުންނެވެ.

އެއާއެކު އުމުރުން 51 އަހަރުގެ ޕޮޕޮވިޗް އެ މަގާމާ ހަވާލުވީ ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް ކަމަށް އޮސްޓްރޭލިއާގެ ފުޓްބޯޅަ އެފްއޭއިން ވަނީ ކަށަވަރުކޮށްދީފައެވެ.

"ސޮކަރޫސްގެ ހެޑް ކޯޗަކަށް ވުމުގެ ފުރުސަތު ލިބުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް. މިއީ ވަރަށް ބޮޑު ޒިންމާއެއް އަދާކުރަންޖެހޭ މަޤާމެއް، އަދި މި ފުރުސަތު ލިބުނީތީ އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން" ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ޕޮޕޮވިޗް ބުންޏެވެ.

އޮސްޓްރޭލިއާގެ ވެސްޓާން ސިޑްނީ ވޮންޑަރާސް އާއެކު 2013 އަދި 2014 ވަނަ އަހަރުގެ ސީޒަނުގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ޕޮޕޮވިޗް ބުނީ، އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ޒިންމާ ހަވާލުކުރުމަކީ އޭނާއަށް ލިބުނު އަގުނުކުރެވޭވަރުގެ ޝަރަފެއް ކަމަށެވެ.

ޕްރޮފެޝަނަލް ކެރިއަރުގައި ޑިފެންޑަރެއްގެ މަގާމުގައި އިނގިރޭސި ކްލަބު ކްރިސްޓަލް ޕެލަސްއަށް ކުޅެ، އޮސްޓްރޭލިއާގެ ގައުމީ ޓީމަށް 58 މެޗު ކުޅެދީފައިވާ ޕޮޕޮވިޗް ވަނީ ކުޅުމުގެ ކެރިއަރު ނިންމާލުމަށްފަހު، އޮސްޓްރޭލިއާގެ އޭ ލީގުގެ ޓީމުތައް ކަމަށްވާ ޕާތު ގްލޯރީ އާއި މެލްބަން ވިކްޓަރީއަށްވެސް އިރުޝާދުދީފައެވެ. އޭގެތެރެއިން، މެލްބަން ވިކްޓަރީ އާއެކު އޭނާ ވަނީ 2014 އަދި 2015 ވަނަ އަހަރުގެ ސީޒަނުގެ އޮސްޓްރޭލިއަން ކަޕް އުފުލާލައިފައެވެ.

ޕޮޕޮވިޗްގެ ކޯޗިންގ ކެރިއަރުގެ ކުރީކޮޅު، އޭނާ ވަނީ ޕެލަސްގައި އެސިސްޓަންޓެއްގެ ގޮތުގައި މަސައްކަތްކޮށް، އަދި ތުރުކީ އާއި ގްރީސްގެ ކްލަބްތަކަށްވެސް އިރުޝާދު ދީފައެވެ.

އޭޝިއާގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ތިންވަނަ ބުރުގެ ފުރަތަމަ ދެ މެޗުގައި އޮސްޓްރޭލިއާއަށް ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައިވާއިރު، އަމިއްލަ ދަނޑުގައި ބަހްރެއިން އަތުން ބަލިވުމުގެ އިތުރުން ރަށުން ބޭރުގައި އިންޑޮނޭޝިއާ އާ ދެކޮޅަށް ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފައެވެ.

އޮސްޓްރޭލިއާ އާއެކު ޕޮޕޮވިޗްގެ ފުރަތަމަ ކުރިމަތިލުމަކަށް ވާނީ، އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ ކޮލިފައިން މެޗެވެ. އެއަށްފަހު އޭގެ ފަސް ދުވަސް ފަހުން އެ ޓީމުން ނިކުންނާނީ ރަށުން ބޭރުގައި ޖަޕާނާ ދެކޮޅަށެވެ.