ޚަބަރު

ލަބެރާ ބޮޑީބޯޑިން ޗެލެންޖް 2024 މި މަހުގެ ފަހުކޮޅު


މި އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ ދެވަނަ މުބާރާތް ކަމަށްވާ "ލަބެރާ ބޮޑީބޯޑިން ޗެލެންޖް 2024" މި މަހުގެ ފަހުކޮޅު ފަށަން ތައްޔާރުވެއްޖެއެވެ.

ލަބެރާ ބޮޑީބޯޑިން ޗެލެންޖް އޮންނާނީ މި މަހުގެ 30 އިން އަންނަ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް މާލޭ ރާޅުގަނޑު ސަރަހައްދުގައެވެ.

ޕީއެސްއެމްއިން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާކަދައްކަވަމުން މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ޖެނެރަލް ސެކެރެޓެރީ ހަސަން ރަޝީދު (ރަޝް) ވިދާޅުވީ ގައުމީ ރޭންކިންގެ ޓޮޕް އެތުލީޓުން މި ފަހަރު މުބާރާތުގައި ވާދަކުރާނެ ކަމަށެވެ. އަދި ފަސް އަހަރު ފަހުން އަލުން މި މުބާރާތް ބޭއްވިގެންދަނީ ބޮޑީބޯޑިންގެ ޝެޑިއުލަށް އައި ބަދަލުތަކާއެކުކަން ރަޝް ވަނީ ފާހަގަކުރައްވާފައެވެ.

މިއީ ގައުމީ ލީގުގައި ވާދަކުރާ ކޮންމެ އެތުލީޓަކަށްވެސް މުހިންމު މުބާރާތެއްކަން ފާހަގަކުރައްވަމުން ރަޝް ވިދާޅުވީ ރޭންކިންގައި ކުރިއެރުން ހޯދުމަށް މުބާރާތުގެ މުހިންމުކަން އެތުލީޓުންނަށް ބޮޑުކަމަށެވެ. އަދި މި އަހަރުގެ އެންމެ މޮޅު ބޮޑީބޯޑަރުގެ މަގާމު ހާސިލުކުރާ އެތުލީޓަށްވެސް މުބާރާތް މުހިންމު ވެގެންދާނެ ކަމަށް ރަޝް ވިދާޅުވިއެވެ.

"ހުރީހާ މުބާރާތެއްގައިވެސް އޯޕަން ޑިވިޝަން މި އޮންނަނީ. މީގައިވެސް މެންސް ޑިވިޝަން، ޑްރޮޕްނީ ޑިވިޝަން އަދި ޖޫނިއަރ ޑިވިޝަން އޮންނާނެ. ކޮންމެ ހީޓެއްގައި އަޅާނެ މެކްސިމަމް ހަތަރު ކުދިން." ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރަޝް ވިދާޅުވިއެވެ.

ރަޝް ވިދާޅުވީ މުބާރާތް ފޯރިގަދަކުރުމުގެ ގޮތުން ކުއާޓާ ފައިނަލުން ފެށިގެން ކޮންމެ އެތުލީޓެއް ކޮންމެ އެތުލީޓަކާ ވާދަކުރާ ގޮތަށް ފޯމެޓު ބަދަލުކޮށްފައިވާނެ ކަމަށެވެ. އަދި އެގޮތަށް ބައްދަލުކުރުމުން ވާދަވެރިކަން އިތުރުވާ ކަމަށާއި، އެތުލީޓުން ބޮޑަށް ބޭނުންވަނީ އެގޮތަށް ވާދަކުރަން ކަމަށްވެސް ރަޝް ވިދާޅުވިއެވެ. މީގެ އިތުރުން މި އަހަރުގެ މުބާރާތުގައި ގަދަ އަށެއްގައި ހިމެނިގެން އެތުލީޓުންނަށް ހުރި ފައިދާތައްވެސް ރަޝް ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރިން މި އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ގައުމީ ބޮޑީބޯޑިން ލީގުގައި ހިމެނޭ "ބުރުނު ޝިކާރު 2024" މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.