ޚަބަރު

އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓުގެ ބައްދަލުވުން ފަށައިފި


  • މި ބައްދަލުވުން ކުރިއަށްދަނީ މިމަހުގެ 26 ވަނަ ދުވަހާ ހަމައަށް

  • މި ބައްދަލުވުމުގައި ސިއްޙަތާ ބެހޭ ވަޒީރު ބައިވެރިވެވަޑައިގަންނަވާ

އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތު އެންޑް އެންވަޔަރަންމަންޓް ގެ 12 ވަނަ ބައްދަލުވުން ފަށައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވާ ވަފްދުގެ އެންމެ އިސްވެރިއަކަށް ހުންނެވީ ސިއްޙަތާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ކުރިއަށްދާ އޭޝިއާ ޕެސިފިކް ރީޖަނަލް ފޯރަމް އޮން ހެލްތް އެންޑް އެންވަޔަރަންމަންޓް (އޭޕީއާރްއެފްއެޗްއީ) ގެ 12 ވަނަ މަތީ ފަންތީގެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ބައިވެރިވަނީ ސިއްޙަތާ ބެހޭ ވުޒާރާއާއި ތިމާވެއްޓާ ބެހޭ ވުޒާރާގެ ބޭފުޅުންނެވެ.

މި ބައްދަލުވުމުގައި އޭޝިއާ ޕެސިފިކް ސަރަޙައްދުގައި ދިމާވެފައިވާ ޞިއްޙީ އަދި ތިމާވެށީގެ ކުއްލި ހާލަތްތަކާ ކުރިމަތިލުމަށް އެކަށައަޅަންޖެހޭ ސްޓްރެޓެޖީތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ. އަދި މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 5 ވަނަ މިނިސްޓީރިއަލް ބައްދަލުވުމަށް ތައްޔާރުވުމުގެ މަސައްކަތްތައްވެސް މި ބައްދަލުވުމުގައި ކުރިއަށްދާނެއެވެ.

އޭޕީއާރްއެފްއެޗްއީއަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މެދުގައި ޞިއްޙަތާއި ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުކޮށް، މި ދާއިރާތަކުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަސައްކަތްކުރާ މުހިންމު ފޯރަމެކެވެ. މި ބައްދަލުވުމުގައި ބައިވެރިވާ ދިވެހި ވަފުދުން މި ސަރަޙައްދުގެ އެހެން ޤައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅާނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.