ޚަބަރު

ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން އޮމާނާއެކު މަޝްވަރާކުރައްވައިފި


  • ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗަރ އަދި ޓީޗަރުން ތަމްރީނުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި

  • ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް މަޝްވަރާ ކުރެއްވި

ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން އޮމާނާއެކު ރައީސާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.

ރައީސް މި މަޝްވަރާތައް ކުރައްވާފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 79ވަނަ ސެޝަންގެ ހަވާސާގެ ތެރެއިން އޮމާންގެ ޚާރިޖީ ވަޒީރު އަދި އޮމާންގެ ވަފުދުގެ އިސްވެރިޔާ ސައްޔިދު ބިން ޙަމަދް ބިން ޙަމޫދް އަލްބުސައިދީއާ ބައްދަލުކުރައްވައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިސަރުކާރުގެ ތަރައްޤީގެ އެޖެންޑާ އޮމާންގެ ޚާރިޖީ ވަޒީރާ ޙިއްސާކުރައްވާފައެވެ. އަދި އޮމާންގެ ސަރުކާރުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި އެޤައުމުގެ ސަރުކާރަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައެވެ. މީގެ ތެރޭގައި ބަޖެޓް ސަޕޯޓާއި އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި ޓީޗަރުން ތަމްރީނުކުރުމާއި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުން ފަދަ ދާއިރާތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ޤައުމުގެ ސިޔާސީ، އިސްތިރާޖީ ގުޅުންތައް އިތުރަށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް ދެ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.