ޚަބަރު

ބޮކްސިންގ ތެޅުންތެރިޔާ މުހައްމަދު އަލީ މަރުވެއްޖެ


ދުނިޔޭގެ ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ކުޅިވަރު ޝަހުސިއްޔަތެއްކަމަށްވާ، އެމެރިކާގެ ބޮކްސިންގ ލެޖެންޑް މުހައްމަދު އަލީ މަރުވެއްޖެއެވެ. 

ހެވީ ވެއިޓް ބޮކްސިންގެ ޗެމްޕިއަން މުހައްމަދު އަލީ އުމުރުން 74 އަހަރުގައި އެމެރިކާގެ އެރިޒޯނާ ސްޓޭޓްގެ ފީނިކްސް ސިޓީގެ ހޮސްޕިޓަލެއްގައި މަރުވީ ނޭވާލުމުގެ ދަތިތަކެއް ކުރިމަތިވެގެން ފަރުވާ ހޯދަމުންދަނިކޮށެވެ. މުހައްމަދު އަލީ މަރުވިއިރު، ޕާރކިންސަން ޑިޒީސް ނުވަތަ ތުރުތުރު އަޅާބައްޔަށް ފަރުވާ ހޯދާތާ 32 އަހަރު ވަނީ ވެފައެވެ. 

މުހައްމަދު އަލީގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭނާ އުފަންވި ކެންޓާކީގެ ލުއިސްވިލްގައިކަމަށް އަލީގެ އާއިލާއާ ހަވާލާދީ ޙަބަރުތައް ބުނެއެވެ.