ޚަބަރު

ޑޭވިސް ކަޕުގެ ފައިނަލް ބުރުގެ ސްކޮޑުގައި ނަޑާލް ހިމަނައިފި


ޑޭވިސް ކަޕް ޓެނިސް މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާ ސްޕެއިންގެ ސްކޮޑުން ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި ކުރިން ހުރި ރަފައެލް ނަޑާލްއަށް ފުރުސަތު ދީފިއެވެ.

ސްޕެއިންގެ ސްކޮޑުގައި ދެން ހިމެނޭ ކުޅުންތެރިންނަކީ ކާލޮސް އަލްކަރޭޒް އާއި، ރޮބާޓޯ ބައުޓިސްޓާ އާއި، ޕަބްލޯ ކަރޭނޯގެ އިތުރުން މާސެލް ގްރެނޯލާސްއެވެ.

އަންނަ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހު ކުއާޓާ ފައިނަލުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވާއިރު, ނަޑާލް އެންމެ ފަހުން ވާދަކޮށްފައިވަނީ ނިމިގެންދިޔަ އޮލިމްޕިކްސްގައެވެ. އެ މުބާރާތުގެ ދެވަނަ ބުރުން އޭނާ ކަޓާފައިވަނީ ނޯވަކް ޖޮކޮވިޗް އަތުން ބަލިވެގެންނެވެ.

އޭގެ ފަހުން ނަޑާލް ވަނީ މުބާރާތެއްގައި ވާދަކުރަން އެކަށީގެންވާ ފިޓްނަސް ނެތްކަމަށް ބުނެ ނިމިގެންދިޔަ ޔޫއެސް އޯޕަން ޓެނިސް މުބާރާތާއި، ލޭވާ ކަޕް ޓެނިސް މުބާރާތުން ވަކިވެފައެވެ.

އުމުރުން 38 އަހަރުގެ ނަޑާލް ވަނީ 22 ގްރޭންޑް ސްލޭމް މުބާރާތް ކާމިޔާބުކޮށްފައެވެ. އޭގެ ތެރޭގައި ރެކޯޑް އަދަދެއް ކަމުގައިވާ 14 ފަހަރު ވަނީ ފްރެންޗް އޯޕަން މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޮސްޓްރޭލިއަން އޯޕަން ދެ ފަހަރު, ވިމްބަލްޑަން ދެ ފަހަރު, ޔޫއެސް އޯޕަން މުބާރާތް ހަތަރު ފަހަރު އަދި 2008 ވަނަ އަހަރުގެ ބެއިޖިންގ އޮލިމްޕިކްސް އިންވެސް ވަނީ ރަން މެޑެލް ހޯދާފައެވެ.

ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި ކުރިން ފާހަގަކުރެވިފައިވާ ނަޑާލް ވަނީ 10 ވަރަކަށް އަހަރު ދުނިޔޭގެ އެންމެ މޮޅު ފިރިހެން ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އޭނާއާ އޭރު އެންމެ ބޮޑަށް ވާދަކޮށްފައިވަނީ ރޮޖާ ފެޑެރާ އާއި ނޯވަކް ޖޮކޮވިޗެވެ.