ޚަބަރު

އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގައި ވައިޑީޕީ ރަނގަޅުކުރުން: ފައިސަލް


އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ޔޫތު ޑިވަލޮޕްމެންޓް ޕްރޮގުރާމް (ވައިޑީޕީ) ރަނގަޅުކުރުން ކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ރައީސްގެ މަގާމަށް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ. ފައިސަލް މިހެން ވިދާޅުވީ ކްރިކެޓް ބޯޑުގެ އައު ހިންގާ ކޮމިޓީ އިންތިޚާބުކުރުމަށް ޝީ ބިލްޑިންގުގައި ބޭއްވި އިންތިޚާބީ ޖަލްސާއަށްފަހު، "ޕީއެސްއެމް ސްޕޯޓްސް" އަށް ދެއްވި ޚާއްސަ އިންޓަރވިއުގެ ތެރެއިންނެވެ.

ކްރިކެޓް ބޯޑުގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ފައިސަލްގެ އިތުރުން ވާދަކުރައްވާފައިވަނީ ފަރުހަތު ޖަލީލެވެ. ރައީސްގެ މަގާމަށް އިތުރު ދައުރަކަށް ހޮވިވަޑައިގެންނެވި ފައިސަލަށް 10 ވޯޓު ލިބިވަޑައިގެންނެވިއިރު، ފަރުހަތަށް ލިބިވަޑައިގަތީ ހަތް ވޯޓެވެ.

އިންތިޚާބަށްފަހު ދެއްވި އިންޓަރވިއުއެއްގައި ފައިސަލް ވިދާޅުވީ މިދިޔަ ހަތަރު އަހަރު އޭނާ އާއި، އޭނާގެ ހިންގާ ކޮމިޓީން ގުޅިގެން ކުރި މަސައްކަތުގެ އަގު ހުރިހާ ކުލަބުތަކަކުން ވަޒަންކުކުރުމުން އުފާކުރާ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ ހަތަރު އަހަރު ކްރިކެޓް ހިންގުމަށާއި، ކްރިކެޓް ބޯޑުގެ މެނޭޖުމަންޓާއި އެޑްމިނިސްޓްރޭޝަން ރަނގަޅުކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށާއި، އެކަން ބަލައިގަތުމުން ޝުކުރުއަދާކުރާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވިދާޅުވީ ކުރިއަށް އޮތް ހަތަރު އަހަރު އެންމެ ބޮޑު އަމާޒަކަށްވާނީ ވައިޑީޕީ ރަނގަޅުކުރުން ކަމަށެވެ. އެގޮތުން މިދިޔަ ހަތަރު އަހަރުގެ މަސައްކަތަށް ބަލާއިރު ވައިޑީޕީގެ ކަންކަން ދަށްކޮށް ދިޔަކަން ވަރަށް ގިނަ ކުލަބުތަކުން ފާހަގަކުރެއްވި ކަމަށާއި، އެހެންކަމުން އައު މޮޑިއުލް އަކާއެކު ވައިޑީޕީ ފައްޓާނީ ވަރަށް ބޮޑު މަޝްރޫއަކާ އެކުގައި ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ކްރިކެޓް ބޯޑުގެ ރައީސްގެ މަގާމަށް އިތުރު ދައުރަކަށް ފައިސަލް އިންތިޚާބުވެވަޑައިގެންނެވިއިރު، އޭނާ އެންމެ ފުރަތަމަ އެ މަގާމަށް އިންތިޚާބުވެވަޑައިގަތީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ބޭއްވި އންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ. މީގެ އިތުރުން މި އަހަރުގެ އޭޕްރީލް މަހު ފައިސަލް ވަނީ އިންޓަރނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގައި އޭޝިއާ ސަރަހައްދުގެ ނޮން-ވޯޓިން ގައުމުތައް ތަމްސީލުކުރައްވާ ބޭފުޅާގެ މަގާމަށް އިތުރު ދެ އަހަރަށް އިންތިޚާބުވެވަޑައިގެންފައެވެ.