ޚަބަރު

ދަރަވަންދޫ ބަނދަރުމަތިން ފިހާރަތަކެއް ކުއްޔަށް ދޫކުރަނީ


ބ. ދަރަވަންދޫގެ ބަނދަރުމަތިން އައުޓްލެޓް ފިހާރަތަކެއް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމުގައި އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. 

ބ. ދަރަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ފިހާރަތައް އިމާރާތްކުރެވޭނީ އެއްޑިޒައިނަކަށް ކަމަށެވެ. ކުއްޔަށް ދޫކުރަން ނިންމާފައިވަނީ ފަންސަވީހާ ތިރީސް ފޫޓްގެ ބިންކަމުގައި ކައުންސިލުން ވިދާޅުވެއެވެ. އެފިހާރަތައް ނަގަން ބޭނުންވާ ފަރާތްތަކުން ބިޑް ހުށަހަޅަން ޖެހޭނެކަމަށާއި ބިޑްތައް އިވެލުއޭޓްކުރުމަށްފަހު ފިހާރަ ކުއްޔަށް ދޭނީ އެންމެ ރަނގަޅު ބިޑެއް ހުށަހަޅާ ފަރާތަކަށްކަމަށް ބ. ދަރަވަންދޫ ކައުންސިލް ވިދާޅުވެއެވެ. އެގޮތުން އެންމެ ގިނަވެގެން މީހަކަށް ދޫކުރަނީ ދެބިންކަމުގައި ކައުންސިލުން މައުލޫމާތުދެއްވައެވެ. 

މި ބިންތައް ކުއްޔަށް ދޫކުރަން ފަށާނެ ތާރީޚެއް ކައުންސިލް އަދި ހާމަކުރައްވާފައެއްނުވެއެވެ.

ބ. ދަރަވަންދޫ ކައުންސިލުން މިހާރުވެސް ވަނީ ފިއުލް ޝެޑަކާއި ފެރީޓާމިނަލެއްގެ އިތުރުން ކެފެޓީރިއާއެއް ހިންގުމަށް ބިން ކުއްޔަށް ދެއްވާފައެވެ. މި ބިންތައް ކުއްޔަށްދީގެންނާ އަދި މިހާރު ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ އެކި ޕްރޮޖެކްޓްތަކުން ބ. ދަރަވަންދޫއަށް މަހެއްގެ މައްޗަށް ތިރީސް ހާސް ރުފިޔާގެ އާމްދަނީއެއް ލިބޭކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.