ޚަބަރު

ޑިޖިޓަލް ފަންނިއްޔާތާއި އީޖާދުތަކާއި ނުލައި ދެމެހެއްޓެނިވި ތަރައްްޤީީގެ ލަނޑުދަނޑިތައް ހާސިލެއް ނުވާނެ: ރައީސް


  • ރައީސް ވަނީ ޑިޖިޓަލައިޒްވުމަށް ހުރި ފަރަޤުތައް ކުޑަކުރުމަށް ގޮވާލައްވާފައި

ދެމެހެއްޓެނިވި ތަރައްްޤީީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޑިޖިޓަލް ފަންނިއްޔާތާއި އީޖާދުތައް ކޮންމެހެން ބޭނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ އދގައި ކުރިއަށްދާ ސަމިޓް އޮފް ދަ ފިއުޗަރގެ ތެރެއިން ބޭއްވި 3 ވަނަ އިންޓަރެކްޓިވް ޑައިލޮގް ހުޅުވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެއްގެ ހައިސިއްުޔަތުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާ ކުރިއަރާ ތަރައްޤީވަމުން ދަނީ ތަޖުރިބާކާރުންނަށްވެސް އަރާ ހަމަކުރެވޭވަރަށް ވުރެ ހަލުވި ދުވެއްޔެއްގައިކަމަށެވެ. ނަމަވެސް ދުނިޔޭގެ 3 ބައިކުޅަ އެއްބައި މީހުން އަދިވެސް އުޅެނީ އިންޓަނެޓާއި ނުލާކަން އެއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިކަމުގެ ސަބަބުން އުފެދެނީ ހަމައެކަނި އިންޓަނެޓް ނުލިބުމުގެ ފަރަޤެއް ނޫންކަމަށާއި، އެކަމުގެ ސަަބަބުން ތަރައްޤީއާއި، ފުރުސަތުތަަކާއި އަދުލްއިންސާފުގެ ބޮޑު ފަރަޤެއް އުފެދޭކަމަށެވެ. އެހެންކަމުން ޑިޖިޓަލްގޮތުން ކުރިއަރައިގެން ދިއުމުގައި ހުރި ފަރަޤުތައް ނައްތާލައި، އެއްވެސް ޤައުމެއް ބާކީވިޔަ ނުދިނުމަށް ކުރެވެން ހުރި މަސައްކަތްތަކާއި އެކުލަވާލަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބައްދަލުވުމުގެ ބައިވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިޖިޓަލް ދުނިޔެއެއްގައި ކުރިއަރައިގެންދިއުމަށް މުހިއްމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި ޑިޖިޓަލް އިޤްތިޞާދެއްގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާއި، ބޭނުންވާ ޑިޖިޓަލް އިންފްރާސްޓްރަކްޗަތައް ޤާއިމްކުރުމާއި ޚިދުމަތްތައް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުން ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖެއިން މަސައްކަތްކުރަމުންދަނީ މިކަންކަމަށް ރިޔާއަތްކޮށްގެންކަަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްްޤީީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޑިޖިޓަލް ފަންނިއްޔާތާއި އީޖާދުތައް ކޮންމެހެން ބޭނުންވާކަމަށާއި، އަދި އެކަންކަން ހާސިލުކުރެވޭނީ ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ތަރައްޤީވެފައިވާ ޤައުމުތަކުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ތަންފީޒުކޮށްގެންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަމިޓް އޮފް ދަ ފިއުޗަރއަކީ ޤައުމުތަކުގެ އިސްވެރިން އެއްތަނަކުން ބައްދަލުވެ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް މަޝްވަރާކޮށް، މުސްތަޤުބަލު ރައްކާތެރިކުރުމަށް އެންމެންގެ ޚިޔާލު ހޯދުމަށް ކުރިއަށްގެންދާ ސަމިޓެކެވެ.

ދެދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ސަމިޓްގެ މަޤްޞަދަކީ ބައިނަލްއަޤްވާމީގޮތުން ވެވފައިހުރި އެއްބަސްވުންތަކަށް ޢަމަލުކުރުން އަވަސްކުރުމާއި، އަދި "ޕެކްޓް ފޮރ ދަ ފިއުޗަރ" މެދުވެރިކޮށް، އަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމެވެ. މީގެ އިތުރުން "ގްލޯބަލް ޑިޖިޓަލް ކޮމްޕެކްޓަކާއި ޑެކްލަރޭޝަން އޮން ފިއުޗާ ޖެނެރޭޝަންސް" ހިމެނޭހެން 21 ވަނަ ގަރުނުގެ ހަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ނިޒާމެއް އެކުލަވާލުމަށް މި ސަމިޓްގައި މަސައްކަތްކުރާނެއެވެ.