ޚަބަރު

ޕާކިން ސްލޮޓް ކުއްޔަށް ދިނުން ހުއްޓާލައިފި


  • މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާކަން ފާހަގަކުރެވޭ

  • މިހާރު ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން އެތަންތަންވެސް ކުއްޔަށް ދޫނުކުރާނެ

މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް ނިންމައިފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކުރެއްވި އިޢުލާނެއްގައި ވިދާޅުވީ މާލޭގެ މަގުތަކުގައި އާންމު ބޭނުމަށް އޮންނަ ޖާގަ ކުޑަވެ، މަގުތައް ބޭނުންކުރުމުގައި ދަތިވެފައިވާކަމަށެވެ.

އެހެންކަމުން އެކި ފަރާތްތަކުން ޒަރޫރީ ބޭނުންތަކަށް އުޅަނދުތަކުގައި މާލޭގެ ތަންތަނަށް ގޮސް، ވަގުތީ ގޮތުން ޕާކުކުރާނެ ޖާގައެއް ނުލިބުމުގެ ދަތިކަން ހައްލުކުރުމަށް މަގުފަހިކުރުމަށާއި، މަގުތަކުގައިވާ އާންމު ޖާގަތަކުގެ ބޭނުން ހިފޭގޮތަށް ކަންކަން ފަހިކުރުމަށް މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިންއަށް ސްލޮޓު ދޫނުކުރަން ނިންމަވާފައިވާކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން މާލޭގެ އެއްވެސް ސަރަހައްދަކުން ޕާކިން ސްލޮޓް ކުއްޔަށް ނުވަތަ އެނޫންވެސް ގޮތަކަށް ދިނުން ހުއްޓާލުމަށް މާލޭ ސިޓީ ކައުންސިލަށް އަންގަވާފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ. އަދި މިއަދާ ހަމައަށް ކުއްޔަށް ދޫކޮށްފައިވާ ސްލޮޓްތަކުގެ މުއްދަތު ހަމަވުމުން، އެ ޖާގަތައްވެސް، އެފަދައިން ނުވަތަ އެ ނޫން ގޮތަކަށްވެސް ދޫކުނުކުރަން އެ ކައުންސިލަށް އަންގަވާފައިވާކަމަށް ދަތުރުފަތުރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިކަމާ ގުޅިގެން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ މަގުތަކުގައިވާ އާންމު ޖާގަތަކުގެ ބޭނުން ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ހިފޭނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށްޓައި، ކުރު އަދި ދުރު ރާސްތާއަށް އަމާޒުކޮށްގެން ކުރެއްވެން ހުރިކަންކަން ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.