ޚަބަރު

ރާއްޖެއާއި ލަންކާގެ ޒަމާންވީ ގާތްގުޅުން ބަދަހިކުރަން މަސައްކަތްކުރާނަން: ލަންކާގެ ރައީސް


  • ރައީސުލްޖުމްހޫރިއްޔާ، ލަންކާގެ ރައީސަށް ވަނީ ތަހުނިޔާ ވިދާޅުވެފައި

ރާއްޖެއާއި އެއްކޮށް އޮތް ޒަމާންވީ ގާތްގުޅުން ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމަށް ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ވިދާޅުވެއްޖެއެވެ.

ލަންކާގެ ރައީސް މިހެން ވިދާޅުވީ، ލަންކާގެ ރައީސްކަމުގެ މަޤާމާއި އެމަނިކުފާނު ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ، ފޮނުއްވި ތަހުނިޔާގެ މެސެޖާއި ގުޅިގެންނެވެ.

ލަންކާގެ ރައީސް ވިދާޅުވީ، ރާއްޖެއާއި ލަންކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ޑރ.މުޢިއްޒާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އަދި ދެޤައުމުގެ ގުޅިގެން ސަރަޙައްދީ ހަމަޖެހުމާއި، ކުރިއެރުމަށް މަސައްކަތްކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ލަންކާގެ ރައީސްކަމުގެ މަޤާމަށް ދިސާނަޔަކަ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ. ރައީސްގެ ތަހުނިޔާގެ މެސެޖުގައިވަނީ ދެޤައުމަކީ ގާތް އަވައްޓެރި ދެޤައުމުކަން ފާހަގަކުރައްވާ ދެޤައުމުގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ސެޕްޓެންބަރު 21 ވަނަ ދުވަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އަނުރަ ކުމާރަ ދިސާނަޔަކައަކީ ޖަނަތާ ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާއެވެ. ޤާނޫނު ހަދާ މަޖިލީހުގައި ޖޭވީޕީ ތަމްސީލު ކުރައްވާ ތިން މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޢުމުރުން 55 އަހަރުގެ ދިސާނަޔަކަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާފައިވަނީ ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދުގެ ކެނޑިޑޭޓުގެ ގޮތުގައެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރެއްވީ ދެވަނަ ބުރުގައި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައާ ވާދަކުރައްވައިގެންނެވެ.