ސްކޫލްތަކަކީ ކުދިންނަށް ދިރިއުޅުމުގެ މައިދާނުގައި މުހިންމު ގިނަ ކަންތައްތަކެއް ދަސްކޮށްދޭ ތަނެކެވެ. އެގޮތުން ކާމިޔާބު މީހަކަށް ވުމަށާއި އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް ބޭނުންވާ މުހިންމު އެތައް ހުނަރެއް ދަސްކޮށްދޭއިރު އެއީ މުޖުތަމަޢަށް ބޭނުންވާ ކާމިޔާބު ފަރުދެއް ބިނާކުރުމުގެ މައި މަރުކަޒެވެ. އެކަމަށް އެންމެ ބޭނުންތެރި އެއްކަމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ އަދި އަމިއްލަ ނަފްސަށް އިތުބާރު އޮންނަ ކުދިންތަކަކަށް އެކުދިން ހެދުމެވެ.
ސްކޫލްތަކަކީ ދިރިއުޅުމުގެ މައިދާނުގައި ކުދިންނަށް ދިމާވާ އެކި ކަންކަމާއި ކުރިމަތިލުމަށް ކުދިން ތައްޔާރުކޮށްދޭން މަސައްކަތްކުރާ ތަނެއްގެ ގޮތުގައި ހެދުމަކީ ތަޢުލީމާ ބެހޭ ވުޒާރާއިން ޚާއްސަ އިސްކަމެއް ދެއްވާކަމެކެވެ. އެގޮތުން ޢުމުރުގެ އެކި މަރުޙަލާތަކުގައި ހެދިބޮޑުވުމަށް އަންނަ ބަދަލުތަކާއެކު ވިސްނުމާއި ފިކުރަށް އަންނަ ބަދަލުތަކާއި އަދި ކުދިންގެ އާއިލާގެ ތެރެއިންނާއި ވެށިން ކުރިމަތިވާ އެކި ކަންކަމުގެ ސަބަބުން ނަފްސާނީގޮތުން އެކި ކުދިންނަށް އެކި ކަހަލަ އަސަރުތައްކޮށް އުޅުމަށް ބަދަލު ގެނުވައެވެ. މިފަދަ ކަންކަމަށް ކުދިން ތައްޔާރުކުރުމަށް، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޚާއްސަ ޕްރޮގްރާމެއް ފެށުމަށް ތަޢުލީމާ ބެހޭ ވުޒާރާއިން އަންނަނީ ތައްޔާރުވަމުންނެވެ.
މިޕްރޮގްރާމާ ގުޅޭގޮތުން ޕީއެސްއެމަށް މަޢުލޫމާތު ދެއްވަމުން ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެކި އުމުރުގައި ކުދިން އެކި ކަންކަމާ ކުރިމަތިލާއިރު އެކުދިންނަކީ އެފަދަ ކަންކަމާއި ކުރިމަތިލުމަށް ނަފްސާނީގޮތުން ތައްޔާރުކުދިންނަށް ހެދުމަކީ މިޕްރޮގްރާމްގެ މައިގަނޑު މަޤްސަދުކަމަށެވެ. އެގޮތުން ދޭދޭކުދިންގެ މެދުގައި އުފެދޭ ދެބަސްވުންތަކާއި، ރުޅި އަންނަ ހިނދު އަމަލުކުރާނެގޮތާއި ނުވަތަ ދެރަވާ ކަންކަމާއި ކުރިމަތިލާނެ ގޮތް ކުދިންނަށް ނޭނގޭކަން އެވުޒާރާއިން ފާހަގަކުރައްވައެވެ. ސަރުކާރުގެ ހުރިހާ ސްކޫލަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް ހުރިހާ ގުރޭޑަކަށް ހިންގުމަށްވަނީ ނިންމާފައެވެ.
ނަތީޖާއެއްގެ ގޮތުން ކުދިންގެ އުޅުމަށް ބޮޑެތި ބަދަލު އައިސް، ބައެއް ހިތާމަވެރި ޙާދިސާތަކުގައި އަމިއްލަ ނަފްސަށް އަނިޔާދިނުމަށް ކުދިން ވިސްނާ ޙާލަތަށް ދާކަން ފާހަގަކުރައްވާ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މުޅި އުމުރަށް އެކަމުން އަރައިނުގަނެވުމަކީ ބައެއް ކުދިންނަށް ދިމާވާ ޙާލަތެއްކަމަށެވެ. އެހެންކަމުން މިމަޝްރޫޢުގެ ދަށުން ކުދިންނަށް ސްކޫލް ވެށިން މިފަދަ އިޙްސާސްތަކާއި ކުރިމަތިލާން ދަސްކޮށްދެވި ކޮންމެ ކުއްޖަކީ ނަފްސާނީގޮތުންވެސް ދުޅަހެޔޮ ކުއްޖަކަށް ހެދުމަށް މަގުފަހިވާނެކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.
ތަޢުލީމާ ބެހޭ ވުޒާރާއިންވަނީ ސްކޫލްތަކާއި ގުޅިގެން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބާރުއެޅުމަށް ކުރިއަށްދާ މިޕްރާމްގައި އެހީތެރިވުމަށް ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ޢިއުލާންކޮށްފައެވެ. ޔުނިސެފްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވާ މެޓީރިއަލް ތައްޔާރުކުރާނެއެވެ. މިމަޝްރޫޢުގެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އޮކްޓޯބަރު މަހުގެ 1 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުމަށްވަނީ ހުޅުވާލާފައެވެ.