ޚަބަރު

މިފްކޯގެ ބައެއް އުފެއްދުންތަކުގެ ސްޓޮކް މަދުވުމުގެ މައްސަލަ ހައްލުކުރަނީ


  • ބައެއް އުފެއްދުންތައް މާލޭގައި ސްޓޮކް ކުރެވޭނެގޮތް ހަދަނީ

  • 2 ރީފާ ކޮންޓެއިނަރ މައި އޮފީހުގައި ބަހައްޓާނެ

މިފްކޯގެ އުފެއްދުންތައް މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި 2 ރީފާ ކޮންޓެއިނަރ ބެހެއްޓުމަށް މަސައްކަތްކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

މިފްކޯގެ ޕްރޮޖެކްޓްސް އެންޑް އިންޖިނިއަރިންގެ ޖެނެރަލް މެނޭޖަރު މުއާޒު އަލީ ވިދާޅުވީ މި ރީފާ ކޮންޓެއިނަރތަކުގައި ބެހެއްޓުމަށް މަސައްކަތްކުރަނީ 25 މެޓްރިކް ޓަނުގެ ގަނޑުކުރި މަހުގެ ބާވަތްތަކުގެ ސްޓޮކެެއް ކަމަށެވެ. އޭގެ ސަބަބުން މާލެ ސަރަހައްދުގައި ހުންނަ މިފްކޯ މަސްފިހާރަތަކުން މެދުކެނޑުމެއްނެތި އާންމުންނަށް ގަނޑުކުރި ރޯމަހުގެ ބާވަތްތައް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މިފްކޯއިން ކަނޑުއޮތްގިރީގައި ހިނގަމުންދިޔަ އޮޕަރޭޝަން ހުއްޓުމަކަށް އައުމާއެކު، މާލޭގެ މަސް ފިހާރައިން ލިބެން ހުރި މަހުގެ އުފެއްދުންތަކުގެ ސްޓޮކް ވަނީ މަދުވެފައެވެ.

ކ.ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ކެބިނެޓުގެ މަޝްވަރާއިން ނިންމީ އޮގަސްޓް މަހުއެވެ. ކަނޑުއޮތްގިރީގެ މަސް ކާރުޚާނާ ފެލިވަރަށް ބަދަލުކޮށް، އަންނަ މަހު އޮޕަރޭޝަނަށް ގެންނައުމަށް މިފްކޯއިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެއަަށްފަހު ފެލިވަރުގައި އުފައްދާ ގަނޑުކުރި ރޯމަހުގެ ބާވަތްތައް ބަންދުކޮށް، ލޭބަަލްކުރުމަށްފަހު އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް މަހުގެ އުފެއްދުންތައް ފޯރުކޮށްދިނުމުގެ މަގްސަދުގައި 2 ރީފާ ކޮންޓެއިނަރ އެ ކުންފުނީގެ މައި އޮފީހުގައި ބެހެއްޓުމުގެ އަމަލީ މަސައްކަތްވެސް މިހާރު ކުރެވެމުންދާކަމަށް މިފްކޯއިން ހާމަކުރެއެވެ.

މިފްކޯގެ އަމާޒަކީ، އެކުންފުނީގެ އިންޖިނިއަރިން ޓީމާއި، ޕްރޮޑަކްޝަން ޓީމުގެ މަސައްކަތުން އަންނަ ހަފްތާ ފެށެން ވާއިރަށް އެ މަސައްކަތް ނިންމާލުންކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ކަނޑުއޮތްގިރީގައި ހުރި މެޝިނަރީތައް ފެލިވަރަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހުގެ 15 ގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ވަނީ މުއްދަތު އިތުރުކޮށްދީފައެވެ. ކުރިން އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ކުރިން ތަން ހުސް ކުރާ ގޮތަށެވެ.

މިފްކޯއިން މީގެކުރިން ބުނެފައިވަނީ ހެވީ ޑިއުޓީ އިކުއިޕްމެންޓް ހިމެނޭ ބައެއް މުދާތައް އެތަނުން ނެގޭނީ ލޭންޑިންގ ކްރާފްޓާއި ކްރޭން ބޭނުންކޮށްގެންކަމަށްވާތީ އެމަސައްކަތަށް ލަސްކަމެއް އަތުވެދާނެ ކަމަށެވެ.

ކަނޑުއޮތްގިރި ފެސިލިޓީއަށް ސައުދީ ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު (އައިއެސްޑީބީ) ގެ ފަންޑުގެ ދަށުން 8 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޕްލޭންކުރެވިފައިވާއިރު، އެ އިންވެސްޓްމެންޓް ކުރިއަށް ގެންދަން ހުޅުމާލެއިން ބިމެއް ހަމަޖެހިގެން ދިއުމަކީ ޚާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރަންޖެހިފައިވާ މަސައްކަތެއްކަމަށް މިފްކޯއިންދެކެއެވެ.

މަސްވެރިންނަށް ބޭނުންވާ ޖާގަ ހުޅުމާލެ ބަނދަރު ސަރަހައްދުން ހޯދުމަށް އެޗްޑީސީއާއެކު ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާއި ގުޅިގެން މިފްކޯއިން ވިދާޅުވީ ހުޅުމާލެއިން ވަކި ބިމެއް ހަމަނުޖެހުނުނަމަވެސް އެކަމުގައި ރަނގަޅު މަޝްވަރާތަކެއް ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް އެޗްޑީސީއާއެކު ކުރަމުން އަންނަ ކަމަށެވެ. އަދި ކަނޑުއޮތްގިރީގެ ބަދަލުގައި ހުޅުމާލެއިން ރަނގަޅު ގޮތެއް ހޯދޭނެކަމުގެ އުންމީދު އެބައޮތްކަމަށްވެސް މިފްކޯއިން ވިދާޅުވިއެވެ.