ޚަބަރު

ފުލުހުންގެ ޚިދުމަތުގައި އަންހެނުން ކުރިއަށްދިއުމަށް ފުރުޞަތު ފަހިކޮށްދޭނަން: ސީޕީ ޝުޖާޢު


  • ފުލުހުންގެ ޚިދުމަތުގެ 15 އިންސައްތައަކީ އަންހެނުން

  • ފުލުހުންގެ ޚިދުމަތުގެ އެކި ބަހާތަކުގައި އަންހެނުން މަސައްކަތްކުރޭ

ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުންނަށް ކުރިއަށްދިއުމަށް ފުރުސަތު ފަހިކޮށްދިނުމަކީ ޚާއްޞަ އިސްކަމެއްދެއްވާކަމެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ މިހެން ވިދާޅުވީ މޯލްޑިވްސް ވިމެން އިން ޕޮލިސިންގ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ދިވެހި ފުލުހުންގެ ޚިދުމަތުގެ އަންހެން މުވައްޒަފުންގެ ގާލާ ނައިޓުގައި ވާހަކަދައްކަވަމުންނެވެ.

އިސްކަންދަރު ބިލްޑިންގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް، ޢަލީ ޝުޖާޢު ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައި އަންހެން މުވައްޒަފުން މަސައްކަތްކުރަމަކީ ފަޚުރުވެރިވާ ކަމެއްކަމަށެވެ. މީގެ ކުރިން އަންހެން މުވައްޒަފުން މަސައްކަތް ކުރަމުން އައީ އެ މުއައްސަސާގެ އިދާރީ ކަންކަމުގައި އެކަނިކަމަށާއި، ނަމަވެސް މިއަދު އެ ޚިދުމަތުގެ އެކި ބަހާތަކުގައި އަންހެނުން މަސައްކަތްކުރާކަމަށް ސީޕީ ވިދާޅުވިއެވެ.


ޢަލީ ޝުޖާޢު ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 15 އިންސައްތައަކީ އަންހެން މުވައްޒަފުންކަމަށާއި އަންހެނުންނަށް ކުރިއަށް ދިއުމަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ އެ މުއައްސަސާގެ އަމާޒެއް ކަމަށެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިން ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި އެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދިޔަ އެކި ހަރަކާތްތަކުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ވަނީ ދީފައެވެ.

މި ހަފުލާގައި، ކޮމިޝަނަރ އޮފް ޕޮލިސްގެ ދެކަނބަލުންގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ އިސްބޭފުޅުންނާއި، އެކި ރޭންކުތަކުގެ އަންހެން ފުލުހުން ބައިވެރިވެވަޑައިގެންނެވިއެވެ.