ޚަބަރު

10 ކުޅުންތެރިންނާއެކު ކުޅެ އާސެނަލުން ސިޓީ ހިފަހައްޓައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި އާސެނަލް ބައްދަލުކުރި މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ނުވަވަނަ މިނިޓްގައި އާލިންގ ހާލަންޑް ވަނީ ލަނޑެއް ޖަހައި ސިޓީއަށް ކުރި ހޯދަދީފައެވެ. މިއީ އޭނާ ސިޓީގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި ކުޅުނު 105 ވަނަ މެޗުގައި ޖެހި 100 ވަނަ ލަނޑެވެ. އަދި މި ސީޒަނުގައި ހާލަންޑް ކުޅުނު ފަސް މެޗުގައި އޭނާ ވަނީ 10 ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ 1930 ވަނަ އަހަރަށްފަހު އިނގިރޭސިވިލާތުގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅައިގެ ފުރަތަމަ ފަސް މެޗުގައި މި އަދަދަށް ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.

ރޭގެ މެޗުގެ 21 ވަނަ މިނިޓުގައި ސިޓީގެ ރޮޑްރީއަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައި ޕެޕް ގަޑިއޯލާ ވަނީ މަޓިއޯ ކޮވަސިޗް ކުޅެން އަރުވާފައެވެ.

އޭގެ މިނެޓެއް ފަހުން އާސެނަލުން ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މި ސީޒަނުގައި އަލަށް އެ ޓީމާ ގުޅުނު އިޓަލީގެ ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ އެވެ. އާސެނަލުން މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ލިބުނު ކޯނަރަކުން ގެބްރިއެލްއެވެ.

ނަމަވެސް މި ލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް، އާސެނަލްގެ ލިއަންޑްރޯ ޓްރޮސާޑަށް ރެފުރީ ވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

އެއާއެކު މި މެޗުގެ ދެވަނަ ހާފު 10 ކުޅުންތެރިންނާއެކު އާސެނަލުން ކުޅެފައިވާއިރު، ސިޓީން ވަނީ ދެވަނަ ހާފު އެއްކޮށް ޑޮމިނޭޓުކޮށް، އާސެނަލްގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ދެވަނަ ހާފުގައި ސިޓީން ވަނީ ޖުމްލަ 22 ހަމަލައެއް އާސެނަލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ.

ސިޓީން މި މެޗުގައި ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގައި ޖޯން ސްޓޯންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި މެޗު އެއްވަރުވުމާއެކު ސިޓީއަށް ވަނީ ލީގުގައި ކުޅުނު ފަސް މެޗުން 13 ޕޮއިންޓާއެކު، ތާވަލުގެ އެއްވަނަ ލިބިފައެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 12 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް ފަސް މެޗުން ލިބިފައިވަނީ 11 ޕޮއިންޓެވެ.