ސްޕެނިޝް ލީގުގައި ރޭ ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ އެއްވަނައިގައި ބާސެލޯނާއިން ފަރަގު ބޮޑުކޮށްފިއެވެ.
މި މެޗު ކާމިޔާބުކުރުމާއެކު ބާސެލޯނާއިން ވަނީ މި ސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗު ކާމިޔާބުކޮށް، ޖުމްލަ 18 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ މަގާމު ހޯދާފައެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ހަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ.
ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މި މެޗުގެ 20 ވަނަ މިނެޓްގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ލަނޑެއް ޖަހައި ވިޔަރެއާލްގެ ގޯލު ހުޅުވާލާފައެވެ. އަދި އޭގެ 15 މިނިޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ބާސެލޯނާގެ ލީޑު ފުޅާކޮށްދީފައެވެ.
ނަމަވެސް މެޗުގެ 38 ވަނަ މިނިޓްގައި ވިޔަރެއާލްގެ އަޔޯޒޭ ޕެރޭޒް ވަނީ ލަނޑެއް ކާމިޔާބުކޮށް، މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ.
މި މެޗުގައި ބާސެލޯނާގެ ކީޕަރު މާކް އެންޑްރޭ ޓަރ ސްޓެގަން ގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފައެވެ. އުމުރުން 32 އަހަރުގެ ކީޕަރަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލު އަދި ހާމަކޮށްފައިނުވި ނަމަވެސް، އޭނާއަށް އަލުން ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ނޭނގެއެވެ. ބާސެލޯނާ އާއި 2014 ވަނަ އަހަރު ގުޅުނު ޓަރ ސްޓެގަން ވަނީ އެ ކުލަބަށް 400 އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ.
ބާސެލޯނާއިން ރޭގެ މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 58 ވަނަ މިނިޓްގައި ޕަބްލޯ ޓޯރެސް ކާމިޔާބުކޮށްދީފައިވާއިރު, ފަހު ދެ ލަނޑު މެޗުގެ 74 ވަނަ މިނިޓާއި 83 ވަނަ މިނިޓުގައި ކާމިޔާބުކޮށްދީފައިވަނީ ރަފީނިއާއެވެ.
ބާސެލޯނާގެ ފޯވާޑް ލެވަންޑޯސްކީއަށް މި މެޗުގައި ހެޓްރިކެއް ހެދުމަށް ލިބުނު ރަނުގެ ފުރުސަތު އޭނާއަށް ގެއްލިފައިވަނީ ލިބުނު ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ.