ޚަބަރު

ލެވަކޫސަނުން ފަހަތުން އަރައި ވުލްފްސްބާގް ބަލިކޮށްފި


ޖަރުމަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަނުން ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފަހަތުން އަރައި 4-3 ގެ ނަތީޖާއަކުން ވުލްފްސްބާގް ބަލިކޮށްފިއެވެ.

މި ނަތީޖާއާއެކު ލެވަކޫސަން ވަނީ އެންމެ ކުރީގައި އުޅޭ ބަޔާން މިއުނިކާ ތިން ޕޮއިންޓާ ގާތަށް ޖެހިލާފައެވެ. އެއްވަނައިގައި އޮތް ބަޔާނަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު، ލެވަކޫސަން ދެވަނައިގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ފްރެއިބާގާއި ހަތަރުވަނައިގައި އޮތް އެއިންޓްރެކްޓް ފްރެންކްފަޓަށްވެސް ވަނީ އެ އަދަދަށް ޕޮއިންޓް ލިބިފައެވެ. އެކަމަކު ލެވަކޫސަނަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ލެވަކޫސަނުން ރޭގެ މެޗަށް ނިކުތީ އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ފެޔަނޫޑް އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްގެންނެވެ.

ބޭ އެރީނާގައި ރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ވުލްފްސްބާގުން ލީޑުނެގީ ލެވަކޫސަންގެ ޑިފެންޑަރު ނޯޑީ މުކިއޭލޭ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އެކަމަކު އޭގެ ނުވަ މިނެޓު ފަހުން، ލެވަކޫސަނުން ނަތީޖާ އެއްވަރުކޮށްފައިވަނީ ޖަރުމަނުގެ މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް ކާމިޔާބުކުރި ލަނޑުންނެވެ.

މި މެޗުގައި ލެވަކޫސަނުން ފުރަތަމަ ފަހަރަށް ލީޑު ނެގީ 32 ވަނަ މިނެޓުގައި އަލެހަންދްރޯ ގްރިމާލްޑޯ ނަގައިދިން ހުރަހެއްގެ އެހީގައި، ޖޮނަތަން ޓާ ބޮލުން ވައްދާލި ލަނޑުންނެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން ސެބާސްޓިއަން ބޯނައުވް ވަނީ ވުލްފްސްބާގަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި މަޓިއަސް ސްވަންބާގް ވަނީ ވުލްފްސްބާގަށް އަލުން ލީޑު ނަގައިދީފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިން މިނެޓުގެ ތެރޭގައި ލެވަކޫސަނުން އަލުން ނަތީޖާ އެއްވަރުކުރީ ޕިއެރޯ ހިންކާޕީގެ ލަނޑާއެކުއެވެ. އޭގެ ފަހުން މި މެޗުގައި ވުލްފްސްބާގަށް މައްސަލަތަކެއް ކުރިމަތިވީ، މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް އެ ޓީމުގެ ޔަނިކް ގެރްހާޓަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ލެވަކޫސަންގެ ޖެރެމީ ފްރިމްޕޯންގަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި މި މެޗުން ލެވަކޫސަން މޮޅުވި ލަނޑު ޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް ވިކްޓަ ބޮނީފޭސްއެވެ.

މީގެ އިތުރުން ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ރަށުން ބޭރުގައި ބޮރޫޝިއާ ޑޯޓްމުންޑް ވަނީ 1-5 ގެ ނަތީޖާއަކުން ވީއެފްބީ ސްޓުޓްގާޓް އަތުން ބަލިވެފައެވެ. މި މެޗުގައި ސްޓުޓްގާޓުގެ ޖަރުމަން ފޯވާޑް ޑެނިޒް އުންޑާވް ދެ ލަނޑު ޖެހިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ އެރްމެޑިން ޑެމިރޮވިޗް އާއި، އެންޒޯ މިލިޓް އަދި އެލް ބިލާލް ޓޫރޭއެވެ. ޑޯޓްމުންޑުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސެރްހޫ ގިރާސީއެވެ.