ޚަބަރު

އުދިނޭޒީ ބަލިކޮށް ލީގުގައި ރޯމާއަށް ފުރަތަމަ މޮޅު


އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން އުދިނޭޒީ ބަލިކޮށް، ލީގުގެ ފުރަތަމަ މޮޅު އޭއެސް ރޯމާއިން ހޯދައިފިއެވެ.

މިއީ ދާދި ފަހުން ރޯމާގެ ކޯޗުގެ މަގާމާ ހަވާލުވި އިވާން ޖުރިޗްގެ ފުރަތަމަ މެޗެވެ. އެ ޓީމަށް ލީގުގެ ފުރަތަމަ ހަތަރު މެޗުގައި އިރުޝާދުދިން ކޯޗު ކަމަށްވާ، ކުރީގެ މިޑްފީލްޑަރު ޑެނިއެލީ ޑި ރޮސީ މަގާމުން ދުރުކުރީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައެވެ.

އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފަށައިގެން ރޯމާއިން ޑޮމިނޭޓް ކުރަމުންދިޔައިރު، އެ ޓީމުން ލީޑުނެގީ 19 ވަނަ މިނެޓުގައި ޔޫކްރޭންގެ ފޯވާޑް އާޓެމް ޑޮވްބީކް ކާމިޔާބުކުރި ލަނޑުންނެވެ. އެއާއެކު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން ރޯމާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ރޯމާގެ ދެވަނަ ލަނޑު ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން ޕައުލޯ ޑިބާލާއެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން އުދިނޭޒީގެ ޖާކާ ބީޔޯލް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން މެޗުގެ 70 ވަނަ މިނެޓުގައި ރޯމާގެ ތިންވަނަ ލަނޑު ޖަހައިދިނީ ޓޮމާސޯ ބަލްޑާންޒީއެވެ.

މި މެޗުން ހޯދި މޮޅާއެކު ރޯމާއިން ވަނީ ފަސް މެޗުން ހަ ޕޮއިންޓް ހަމަކޮށް، ތާވަލުގެ 10 ވަނައަށް ޖެހިލައިފައެވެ. އަނެއްކޮޅުން މި މެޗުން ބަލިވުމާއެކު ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އުދިނޭޒީއަށް ވަނީ ގެއްލިފައެވެ. އެ ޓީމު އޮތީ ފަސް މެޗުން ލިބުނު 10 ޕޮއިންޓާއެކު ތިންވަނައިގައެވެ.

ރޯމާއަށް ދެން އެންމެ އަވަހަށް އޮތީ ޔުއެފާ ޔުރޮޕާ ލީގުގައި މި މަހުގެ 27 ވާ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ސްޕެއިނުގެ އެތުލެޓިކް ބިލްބާއޯއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. އެއަށްފަހު އޭގެ ދެ ދުވަސް ފަހުން ލީގުގައި އަމިއްލަ ދަނޑުގައި އެ ޓީމުން ނިކުންނާނީ ވެނެޒިއާއާ ދެކޮޅަށެވެ.