ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްޕުޅުން ރާއްޖެއާއި ސައުދީގެ ގުޅުން އިތުރަށް ބަދަހިވެއްޖެ: ނައިބު ރައީސް


  • ރާއްޖެއާއި ސައުދީގެ ގުޅުން ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ މައްޗަށް

  • ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތްތަކަށް ސައުދީން އަދާކުރި މެހެމާންދާރީއަށް ޝުކުރުއަދާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތާއެކު ދިވެހިރާާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ހުސައިން މުޙައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސައުދީގެ 94ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިލާ ނޯޓިކާގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ހަފްލާގައި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝަތު އަފްރީން މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެއްކެވި ވާހަކަފުޅުގައި ވަނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދަށާއި ވަލީއަހުދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އަދި އެ ޤައުމުގެ ހުރިހާ ރައްޔިތުންގެ 94 ވަނަ ޤައުމީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ.

މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރާއްޖެއާއި ސައުދީގެ ގުޅުން ބިނާވެފައިވަނީ އިސްލާމްދީނުގެ މަތިވެރި އުސޫލްތަކުގެ މައްޗަށް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުން އެ ގުޅުން އިތުރަށް ބަދަހިވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓުގެ ދަށުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ކާމިޔާބީގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ އަލިއަޅުއްވާލައްވާފައެވެ. މީގެ އިތުރުން މިއަހަރު ރާއްޖޭން ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ފަރާތްތަކަށް ސައުދީން އަދާކުރި މެހެމާންދާރީއަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޝުކުރު އަދާކުރައްވާފައެވެ.