ޚަބަރު

ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


  • ދާއިރާގެ ތަޖުރިބާގެ އިތުރުން ސީނިއާ މެނޭޖްމެންޓުގައި ފަސް އަހަރުގެ ތަޖުރިބާ މުހިންމު

  • ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 7އާ ހަމައަށް

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ހުސްވެފައިވާ ސީއީއޯގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ބީއެމްއެލްގެ ސީއީއޯގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ކާލްސް ސްޓުމްކަ މި މަހުގެ 9 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބޭންކުން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި ސީއީއޯގެ މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެއެވެ. އެ މަޤާމަށް ކުރިމަތިލެވޭނީ ބޭންކިން ދާއިރާގައި މަސައްކަތްކުރާތާ 15 އަހަރުވެފައިވާ، އަދި ސީނިއާ މެނޭޖްމެންޓުގައި 5 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.

މީގެ އިތުރުން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ބޭންކިން ނުވަތަ ފައިނޭންސުން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އިޢުލާނުގައިވަނީ ބުނެފައެވެ.

ބީއެމްއެލްގެ ސީއީއޯގެ މުސާރަ ކަނޑައަޅާނީ، އެ މީހެއްގެ ތަޢުލީމާއި ތަޖުރިބާއަށް ބެލުމަށްފަހުއެވެ.

ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރާނީ 3 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތުގައި މަސައްކަތުގެ ފެންވަރަށް ބަލައި މަޤާމުގެ މުއްދަތު އިތުރުކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ.

ބީއެމްއެލްގެ ސީއީއޯގެ މަޤާމުގައި ހުންނެވި ކަރލް ސްޓުމްކަ އިސްތިއުފާ ދެއްވުމުން، މިހާރު ބީއެމްއެލްގެ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީނެވެ.