ސެޕްޓެންބަރު 21ވަނަ ދުވަހު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތަ މީހުންގެ ތާޢީދު ނުލިބި ދެވަނަ ބުރަކަށް ގޮސްފިއެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ފުރަތަމަ ބުރުގައި އެންމެ ގިނަ ބަޔެއްގެ ތާޢީދު ލިބިވަޑައިގެންނެވި ދެ ކެނޑިޑޭޓުންނެވެ. އެއީ, ވިމުކްތި ޕެރަމުނަ (ޖޭވީޕީ) ޕާޓީގެ ވެރިޔާ އަދި ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިޙާދުގެ ކެނޑިޑޭޓު އަނުރަ ކުމާރަ ދިސާނަޔަކައާއި އިދިކޮޅު ސަމަގި ޖަނަ ބަލަވޭގޭ (އެސްޖޭބީ) ޕާޓީގެ ވެރިޔާ ސަޖިތު ޕްރޭމަދާސައެވެ.
ހޮނިހިރު ދުވަހު ސްރީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި 38 ކެނޑިޑޭޓުން ވާދަ ކުރެއްވިއެވެ. އެ ޤައުމުގެ އިންތިޚާބީ ނިޒާމު ބައްޓަން ކޮށްފައި އޮތް ގޮތުން, ވޯޓުލާ މީހުން އެންމެ ބޮޑަށް ތާޢީދު ކުރާ ތިން ކެނޑިޑޭޓަކަށް, އެ ތަރުތީބުން ވޯޓު ދެވޭނެއެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލާފައިވާ މީހުން އޭގެ ތެރެއިން ކެނޑިޑޭޓަކަށް ތާޢީދުކޮށް ދެވަނަ ނުވަތަ ތިންވަނަ ކެނޑިޑޭޓެއްގެ ގޮތުގައި ފާހަގަ ޖަހާފައިވާ ނަމަ, އެއީ އެ ކެނޑިޑޭޓަކަށް ލިބިފައިވާ ވޯޓެއްގެ ގޮތުގައި ގުނާނެވެ. ދިސާނަޔަކާއި ޕްރޭމަދާސަގެ ތެރެއިން އިންތިޚާބުގައި ކުރި ލިބިވަޑައިގަންނަވައި, ރައީސް ކަމުގެ މަޤާމަށް އިންތިޚާބުވާނީ އެ ގޮތަށް ވޯޓު ގުނައި, އެންމެ ގިނަ ޢަދަދެއްގެ ވޯޓު ހޯއްދަވާ ކެނޑިޑޭޓެކެވެ.
އެއީ ސްރީ ލަންކާގެ ތާރީޚުގައި ވެސް, ރިޔާސީ އިންތިޚާބެއް ދެވަނަ ބުރަކަށް ދިޔަ ފުރަތަމަ ފަހަރެވެ. ދެވަނަ ބުރަކަށް ދިޔުމާއެކު, އެންމެ ގިނައިން ވޯޓު ލިބިވަޑައިގެންނެވި ދެ ކެނޑިޑޭޓުން ނޫން އެހެން ހުރިހާ ކެނޑިޑޭޓުން ވަނީ ޑިސްކޮލިފައިވެފައެވެ. އޭގެ ތެރޭގައި އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި ރައީސް ރަނިލް ވިކްރަމަސިންހަ ވެސް ހިމެނިވަޑައިގަންނަވައެވެ.
އެ ޤައުމުގެ އިންތިޚާބުތަކާ އިދާރާއިން ހާމަ ކޮށްފައިވާ ވަގުތީ ނަތީޖާތަކުން ފެންނަ ގޮތުގައި ދިސާނަޔަކަ ވަނީ ވޯޓުލީ މީހުންގެ ތެރެއިން 39.5 އިންސައްތަ މީހުންގެ ތާޢީދު ހޯއްދަވާފައެވެ. ޕްރޭމަދާސައަށް ލިބިވަޑައިގަތީ 34 އިންސައްތަ މީހުންގެ ތާޢީދެވެ. ތިންވަނައަށް ވަޑައިގެންނެވި ވިކްރަމަސިންހައަށް ތާޢީދު ކޮށްފައި ވަނީ 17 އިންސައްތަ މީހުންނެވެ.
ސެޕްޓެންބަރު 21ވަނަ ދުވަހު ބާއްވާފައިވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދު 17 މިލިޔަނަށް އަރައެވެ. އިންތިޚާބުތަކާ ބެހޭ އިދާރާއިން ބުނީ އޭގެ ތެރެއިން 75 އިންސައްތަ މީހުން އިންތިޚާބުގައި ބައިވެރިވެފައިވާ ކަމުގައެވެ.
ސްރީ ލަންކާގައި ރިޔާސީ އިންތިޚާބު ބާއްވާފައި ވަނީ, 2022ވަނަ އަހަރު ބާރު ފައިސާގެ ރިޒަރވް ހުސްވެ, ދަރަނި ދެއްކޭނެ މަގު ބަންދުވެފައިވާ ދަނޑިވަޅެއްގައެވެ. ހުސްވި އަހަރު ކުރިމަތިވި މާލީ ކާރިސާއާ ގުޅިގެން ތެލާއި, ބޭހާއި ކައްކާ ގޭސް ފަދަ އަސާސީ މުދާ އިމްޕޯޓު ކުރުން މެދުކެނޑި, ސްރީ ލަންކާގެ ރައްޔިތުން ހާލުގައި ޖެހުނެވެ.
އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކުރުމަށް އެ ޤައުމުގެ ރައްޔިތުން ވެރިރަށް ކޮލަމްބޯގައި ފެށި ސިލްސިލާ މުޒާހަރާތަކާ ގުޅިގެން އެއިރުގެ ރައީސް ގޯތާބަޔަ ރާޖަޕަކްޝަ ވަނީ ފިއްލަވައިގެން ޤައުމު ދޫކޮށް ވަޑައިގަންނަވައި, އިސްތިޢުފާ ދެއްވާފައެވެ. އޭނާގެ ބަދަލުގައި ވަގުތީ ގޮތުން ރައީސް ކަމުގެ މަޤާމަށް ޢައްޔަން ކޮށްފައި ވަނީ ވިކްރަމަސިންހައެވެ.
ސްރީ ލަންކާގެ އިޤުތީޞާދު ހަމަމަގަށް އަޅުވަން ކުރަމުންދާ މަސައްކަތުގެ ދަށުން އެ ޤައުމުން ދަނީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަން ހޯދަމުންނެވެ. މި ގޮތުން, އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ 2.9 ބިލިޔަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕުރޮގުރާމެއްގައި އެ ޤައުމުން ވަނީ ބައިވެރިވެފައެވެ. އައިއެމްއެފްގެ ލޯނާ އެކު ސްރީ ލަންކާގެ އިޤުތިޞާދަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިފައިވީ ނަމަވެސް, ތަކެތީގެ އަގުތައް އުފުލިފައި އޮތުމަކީ އެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.
"އިންތިޚާބުގެ ނަތީޖާއިން ހާމަވެގެން ދިޔަ ކަމަކީ 2022ވަނަ އަހަރު ފެނިގެން ދިޔަ ހަމަނުޖެހުންތަކަށް އަދިވެސް ނިމުމެއް ނާންނަ ކަން. ގިނަ މީހުން ވޯޓުލާފައި ވަނީ އެއިރުގެ އިޙުސާސްތަކާ އެއް ގޮތަށް. އޭކޭޑީ [ދިސާނަޔަކަ]އަށް ގިނަ ޢަދަދެއްގެ ބަޔަކު ތާޢީދު ކޮށްފައި ވަނީ އޭނާ ވެސް އެ އިޙުސާސްތައް ބަލައިގަންނަވާތީ،" ޔުނިވަރސިޓީ އޮފް ކޮލަމްބޯގައި މަސައްކަތް ކުރައްވާ ސިޔާސީ ދާއިރާގެ މާހިރެއް ކަމުގައިވާ ޕްރަދީޕް ޕީރިސް ވިދާޅުވިއެވެ.
ސްރީ ލަންކާއަށް ކުރިމަތިވެފައިވާ އިޤުތިޞާދީ ކާރިސާއިން ސަލާމަތްވުމަށް ދިސާނަޔަކަގެ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް ކަންކަމުގެ ތެރޭގައި އައިއެމްއެފްގެ އެންގުމަށް ވިކްރަމަސިންހަގެ ސަރުކާރުން ފަށާފައިވާ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ މަސައްކަތްތައް މުރާޖާ ކުރުމާއި, ޓެކުސްތައް ކުޑަ ކުރުން ހިމެނެއެވެ. ނަމަވެސް, އެ ފަދަ ފިޔަވަޅުތަކުގެ ސަބަބުން ބާޒާރުތަކާއި އިންވެސްޓަރުންގެ އިތުބާރު ގެއްލިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް, ދިސާނަޔަކަ ވިދާޅުވީ, އެ ފަދަ އެއްވެސް ސިޔާސަތެއް ތަންފީޒު ކުރައްވާނީ އައިއެމްއެފާ އެކު މަޝްވަރާ ކުރުމަށް ފަހުގައި ކަމުގައެވެ. އަދި, ދަރަނި ދެއްކުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ފިޔަވަޅެއް ނާޅުއްވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޕްރޭމަދާސަ ވެސް ވަނީ އައިއެމްއެފްގެ ޕުރޮގުރާމުގެ ދަށުން އަޅަމުންދާ ފިޔަވަޅުތައް މުރާޖާ ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. 57 އަހަރުގެ ޕްރޭމަދާސައަކީ އަވަހާރަ ކޮށްލާފައިވާ ކުރީގެ ރައީސް ރަނަސިންހަގެ ދަރިކަލުންނެވެ. 2019ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ޕްރޭމަދާސަ ވާދަ ކުރެއްވިއެވެ. އިންތިޚާބުގައި ވޯޓުލީ މީހުންގެ ތެރެއިން 42 އިންސައްތަ މީހުންގެ ތާޢީދު އޭނާއަށް ލިބިވަޑައިގެންނެވި ނަމަވެސް, އިންތިޚާބު ކާމިޔާބު ކުރައްވާފައި ވަނީ ކުރީގެ ރައީސް ރާޖަޕަކްޝައެވެ.
ޕްރޭމަދާސަގެ އެސްޖޭބީއަކީ ވައަތު ފިޔައިގެ މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދު ކުރާ ޕާޓީއެކެވެ. ސްރީ ލަންކާގެ އިޤުތިޞާދު ވެއްޓިފައިވާ ވަޅުގަނޑުން ސަލާމަތް ކުރުމަށް އޭނާ ވެސް ވަނީ ގިނަ ވަޢުދުތަކެއް ވެވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި ޓެކުސް ނިޒާމު މުރާޖާ ކުރުމާއި, ދިރިއުޅުމުގެެ ޚަރަދުތައް ތިރި ކުރަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުން ހިމެނެއެވެ. ޕްރޭމަދާސައަށް އިންތިޚާބުގައި އެންމެ ބޮޑު ތާޢީދެއް ލިބިފައި ވަނީ އެ ޤައުމުގެ އުތުރާއި މެދުތެރޭ ސަރަޙައްދުތަކުގައި ދިރިއުޅޭ ދަނޑުވެރިންގެ ފަރާތުން ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ދިސާނަޔަކައާއި ޕްރޭމަދާސަގެ ތެރެއިން އިންތިޚާބުގެ ދެވަނަ ބުރުގައި ކުރި ހޯއްދަވާ ކެނޑިޑޭޓަކަށް, އައިއެމްއެފްގެ ޕުރޮގުރާމުގެ ދަށުން 2027ވަނަ އަހަރާ ޖެހެންދެން ޙާއްޞަ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ. އަދި, އިޤުތިޞާދު ހަމަމަގަށް އަޅުވައި, ބާޒާރުތަކާއި އިންވެސްޓަރުންގެ އިތުބާރު ހޯދައި, ފަގީރުކަން ނައްތައިލަން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭނެއެވެ.