ޚަބަރު

ޑޭޓާ ޝެއަރިންގއާ ގުޅޭގޮތުން ވަރލްޑް ބޭންކްގެ އިސްވެރިންނާ މަޝްވަރާކުރައްވައިފި


  • ޑީމެޑް، މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ މަޝްރޫޢުއް

  • ވޯލްޑް ބޭންކުން ދިން އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރު

ޑޭޓާ ޝެއަރިންގއާ ގުޅޭގޮތުން ވަރލްޑް ބޭންކްގެ އިސްވެރިންނާއެކު މަޝްވަރާކޮށްފިއެވެ.

ދާޚިލީ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ވަޒީރު ޢަލީ އިޙްސާނާއި، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުގެ އިތުރުން ވަރލްޑް ބޭންކްގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވީ، ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑިވަރސިފިކޭޝަން (ޑީމެޑް) ޕްރޮޖެކްޓް ރީ-ސްޓްރަކްޗަރކޮށްގެން ކުރިއަށްގެންދާނެ ގޮތާއި ޑޭޓާ ޕްރައިވަސީ އެންޑް ޑޭޓާ ޕްރޮޓެކްޝަންގެ ބިލާއި ސައިބަރ ސެކިއުރިޓީ ބިލުގެ މުހިންމުކަމުގެ މައްޗަށް ބިނާކޮށް މަޝްވަރާކުރެވުނު ކަމަށެވެ.

"ދެން ކުރިއަށް އޮތީ ސްޓޭކްހޯލްޑަރުންނާއެކު ބިލުތައް މަޝްވަރާކުރުމުގެ މަސައްކަތްތައް ކުރުން. އެއީވެސް ވަރލްޑް ބޭންކުގެ އެހީގަ. ހިލޭ އެހީގެ ދަށުން އެކަންވެސް ކުރެވޭ ގޮތަށް އޮތީ. ޑޭޓަރ ޝެއަރިންގގެ މުހިންމު ކަމުގެ ވާހަކަވެސް ދެކެވުނު." ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވިއެވެ.

ޑިޖިޓަލް މޯލްޑިވްސް އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވަރސިފިކޭޝަން ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކުން ދިން އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.

ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ 10 މިލިޔަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

މި މަޝްރޫޢުގެ ދަށުން އިޖްތިމާއި އަދި އިޤްތިޞާދީގޮތުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަށްޓަކައި، އިންޓަރނެޓް ފަދަ މުއާސަލާތީ ވަސީލަތްތައް ރެގިއުލޭޓްކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑާއި ޓެކްނިކަލް ސެޓްއަޕް ޤާއިމްކުރުމާއި، މި މަސައްކަތް ކުރަމުންދާ ދައުލަތުގެ މުވައްސަސާތަކުގެ ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.

ޒަމާނީ ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކޮށްގެން ސަރުކާރުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ޑިޖިޓަލް އައިޑީގެ ނިޒާމާއި ޤާއިމްކުރުމާއި މޫސުމީ ޑާޓާއަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރެވޭ ވަސީލަތަކަށް ހެދުމަށްޓަކައި ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކޮށްގެން މޫސުމީ އަދި ތިމާވެއްޓައް އަންނަ ބަދަލުތަކުގެ ޑާޓާ ނަގާ، ރައްކާކުރެވޭ ނިޒާމެއް ޤާއިމްކުރުންވެސް ހިމެނޭކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވެއެވެ.