ޚަބަރު

ގިނަ ބަޔަކު ބޭނުންވަނީ ސިޓީގެ ނަންވެސް ފޮހެލަން: ގާޑިއޯލާ


އިނގިރޭސި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ ނަން ފޮހެލަން ގިނަ ބަޔަކު ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ޕްރިމިއާ ލީގުގެ ފައިނޭންޝިއަލް ފެއަރ ޕްލޭ އާއި ޚިލާފު ވެފައިވާ ކަމުގެ ތުހުމަތުގައި ސިޓީ އާއި ދެކޮޅަށް 115 ދައުވާއެއް އުފުލައި އެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހޯމަ ދުވަހު ފަށާފައިވާއިރު, ގަޑިއޯލާ ބުނެފައިވަނީ ސިޓީ ޕްރިމިއާ ލީގުން ރެލިގޭޓް ކުރަން އެއްބަޔަކު ބޭނުންވާއިރު ގިނަ ބަޔަކު ބޭނުންވަނީ މެންޗެސްޓަރ ސިޓީގެ ނަންވެސް ފޮހެލަން ކަމަށެވެ.

އަބޫ ދާބީ ޔުނައިޓެޑް ގްރޫޕް އިން 2008 ވަނަ އަހަރު މެންޗެސްޓަރ ސިޓީ ގަތުމަށްފަހު 2009 އިން 2018 އާއި ދެމެދު އެ ކްލަބުން ޕްރިމިއާ ލީގުގެ ފައިނޭންޝަލް ފެއަރ ޕްލޭ އާއި ޚިލާފު ވެފައިވާކަމުގެ ތުހުމަތު ކުރެވިފައިވާއިރު މެންޗެސްޓަރ ސިޓީން ވަނީ މި ހުރިހާ ދައުވާތަކަކަށްވެސް ދެކޮޅު ހަދާ އެފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެފަ އެވެ.

ހަތަރު އަހަރު ވަންދެން ޕްރިމިއާ ލީގުން މެންޗެސްޓަރ ސިޓީގެ މައްސަލަތައް ބެލުމަށްފަހު 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ މި މައްސަލަ ބެލުމަށް މިނިވަން ކޮމިޝަނަކާއި ހަވާލު ކޮށްފަ އެވެ. އަދި އެ ކޮމިޝަނުން ދިރާސާތަކެއް ކުރުމަށްފަހު މިދިޔަ ހޯމަ ދުވަހު އަޑުއެހުންތައް ފަށާފައިވާއިރު, މި އަޑު އެހުންތައް 10 ހަފްތާއަށް ދިގުދެމިގެންދާނެ އެވެ. އަދި މައްސަލައިގައި ގޮތެއް ނިންމާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލަ ސިޓީ އާއި ދެކޮޅަށް ނިމިއްޖެނަމަ, އެ ކްލަބުގެ ޕޮއިންޓްތައް ކެނޑުމުގެ އިތުރުން ރެލިގޭޝަނުގެ ބިރުވެސް ވަނީ ކުރިމަތިވެފައެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ސިޓީން ވަނީ ޕްރިމިއާ ލީގު އަށް ފަހަރު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގު އެއް ފަހަރު ހޯދާ އެފްއޭ ކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އަދި ޔޫއެފާ ސުޕަ ކަޕާޢި ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން ލީގް ކަޕް ވަނީ ހަ ފަހަރު ހޯދާފަ އެވެ.

ސިޓީ އާއި ދެކޮޅަށް މިމައްސަލަ ނިމި އެފަދަ ފިޔަވަޅެއް އެ ކްލަބާއި ދެކޮޅަށް އަޅައިފިނަމަ މިއީ އިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގައި ކްލަބެއްގެ އެންމެ ކާމިޔާބު ދުވަސްވަރު މިފަދަ ކަމަކާއި ކުރިމަތިލާން ޖެހޭނެ ފުރަތަމަ ފަހަރެވެ.

ސިޓީގެ މައްސަލަތަކެއް ބަލަމުންދާއިރު އެ ކްލަބުން ވަނީ ކްލަބްތަކަށް ސްޕޮންސަރޝިޕް ހޯދުމުގައި ހަމަހަމަ އުސޫލުތަކެއް ޕްރިމިއާ ލީގުން ނުގެންގުޅޭ ކަމަށްބުނެ ޕްރިމިއާ ލީގާއި ދެކޮޅަށް މައްސަލައެއް ހުށައަޅާފައެވެ.