ދުނިޔެ

ދެކުނު ޗައިނާ ކަނޑުގެ ދަތުރުފަތުރަށް ހުރަސް ނޭޅުމަށް ގޮވާލައިފި


ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުތަކުގެ މިލްކުވެރިކަމާމެދު އުފެދިފައިވާ މައްސަލައިގެ ސަބަބުން އެ ސަރަހައްދުގެ ކަނޑު ދަތުރުފަތުރުތަކަށް ހުރަސް އެޅުނަ ނުދިނުމަށް އިންޑިޔާގެ ދިފާޢީ ވަޒީރު މަނޯހަރް ޕަރިއްކާރު ގޮވާލައްވައިފިއެވެ.

ސިންގަޕޫރުގައި މިހާރު ކުރިޔަށްދާ ޝަންގްރީލާ ޑައިލޮގްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕަރިއްކާރު ވިދާޅުވީ، އެ ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ދެ ބަސްވުންތައް ޙައްލުކުރަން ޖެހޭނީ މަޝްވަރާ ކޮށްގެންކަމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޤަވާއިދުތަކާއި އެއްގޮތަށްކަމަށެވެ.

މިހާރު ކުރިއަށްދާ ޝަންގްރީލާ ޑައިލޮގްގައި އެންމެ ބޮޑު އިސްކަމެއް ދީފައިވާ މައްސަލައަކީވެސް މިއެވެ. ދެކުނު ޗައިނާ ކަނޑުގެ މައްސަލަ ހޫނުވެ، މި މައްސަލަ މިހާރުވަނީ ދަހޭގްގައި ހުންނަ ޕަރމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށްވެސް ހުށައަޅާފައެވެ.

އެ ސަރަހައްދުގެ ޤައުމުތައްކަމަށްވާ ޗައިނާއާއި، ބްރޫނާއީއާއި، މެލޭޝިޔާ، ފިލިޕީންސް، ޓައިވާން އަދި ވިއެޓްނާމުންދަނީ ދެކުނު ޗައިނާ ކަނޑުގައިވާ ޖަޒީރާ ރަށްތަކެއްގެ މިލްކުވެރިކަމާމެދު ދަޢުވާކުރަމުންނެވެ.