ޚަބަރު

އީޔޫން ޔޫކްރެއިނަށް 39 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ދެނީ


ޔޫކްރެއިންގެ މިނިވަންކަން ދިފާޢު ކުރުމަށް ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވިލާތުގެ އިއްތިހާދު (އީޔޫ)ން އެ ޤައުމަށް 39 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ދޫކުރަން ނިންމާފައިވާ ކަން އީޔޫ ކޮމިޝަނުގެ ރައީސާ އުރްސުލާ ވޮން ޑެ ލަޔަން ހާމަ ކުރައްވައިފިއެވެ. އޭނާ މި ކަން އިޢުލާނު ކުރައްވާފައި ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވަށް ދަތުރުފުޅެއް ކުރައްވައި, އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ އެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

ވޮން ޑެ ލަޔަންއާ އެކު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޒެލެންސްކީ ވިދާޅުވީ, ޔޫކްރެއިނުން އެ ފައިސާ ބޭނުން ކުރާނީ ހަކަތައިގެ ދާއިރާ ތަރައްޤީކޮށް, ވައިގެ ދިފާޢީ ނިޒާމު ހަރުދަނާކޮށް އިތުރު ހަތިޔާރު ގަތުމަށް ކަމުގައެވެ. "އަޅުގަނޑުމެން އެ ފައިސާ ޚަރަދު ކުރާނީ މައިގަނޑު ގޮތެއްގައި ހަކަތައާއި ދިފާޢީ ދާއިރާއަށް, އަދި [ބޮމުގެ ޙަމަލާތަކުން ރައްކާތެރިކަން ހޯދަން ބޭނުން ކުރާނެ] ބޮން ޝެލްޓަރތައް ކުޑަކުދިންގެ މަދަރުސާތަކާއި, ނަރސަރީތަކާއި ޔުނިވަރސިޓީތަކުގައި ބިނާ ކުރަން،" އޭނާ ވިދާޅުވިއެވެ.

ވޮން ޑެ ލަޔަން ކީވަށް ކުރެއްވި ދަތުރުފުޅަކީ, އީޔޫ ކޮމިޝަނުގެ ރައީސާގެ މަޤާމާ ދެވަނަ ދައުރަކަށް ހަވާލުވެ ވަޑައިގެންނެވި ފަހުން އެ ރަށަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭނާ ވިދާޅުވީ, ރަޝިޔާއިން ޔޫކްރެއިނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކުން ދިފާޢުވުމަށް އެ ޤައުމަށް އީޔޫގެ 27 މެންބަރު ޤައުމުގެ އެހީތެރިކަން ބޭނުންވާނެ ކަމުގައެވެ. އީޔޫން ޔޫކްރެއިނަށް ދޫކުރަން ނިންމާފައިވާ ފައިސާ ހޯދާފައި ވަނީ, ބޭރު ޤައުމުތަކުގައި ހުރި ރަޝިޔާގެ މުދަލާއި ފައިސާ ހިފަހެއްޓުމަށް ސިނާޢީ ދާއިރާއިން އެންމެ ބޮޑަށް ކުރި އަރާފައިވާ ހަތް ޤައުމު (ގްރޫޕް އޮފް ސެވަން ނުވަތަ ޖީ7)ގެ ރޭވުންތަކުގެ ދަށުންނެވެ.

2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ސިފައިން ފޮނުވައިގެން ހަނގުރާމަ ފެށުމާ ގުޅިގެން ހުޅަނގުގެ ބާރުތަކުން ވަނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ. އޭގެ ތެރޭގައި, ބޭރު ޤައުމުތަކުގައި ހުރި ރަޝިޔާގެ މުދަލާއި ފައިސާއިން 300 ބިލިޔަން އެމެރިކާ ޑޮލަރު ފްރީޒު ކުރުން ނުވަތަ ހިފެހެއްޓުން ހިމެނެއެވެ. އެ ފައިސާ ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚަރަދު ކުރަން ޖީ7ގެ ޤައުމުތަކުން ވަނީ ނިންމާފައެވެ.

"ރަޝިޔާއިން ދަނީ ޔޫކްރެއިން ކަނު އަނދިރީގެ ތެރެއަށް ވައްޓައިލުމުގެ މަޤުޞަދުގައި އެ ޤައުމުގެ ޢާންމުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް އަމާޒުކޮށް ގަސްދުގައި ޙަމަލާ ދެމުން. އަޅުގަނޑު މި ތަނުގައި މި ހުރީ ތިޔަ ބޭފުޅުން ގާތުގައި ދަންނަވަން… [ޔޫކްރެއިނުން] އަލިކަން ކެނޑުނަ ނުދިނުމަށް ވިލާތުގެ އިއްތިހާދުން އެހީތެރިކަން ފޯރުކޮށްދޭނެ،" ވޮން ޑެ ލަޔަން ވިދާޅުވިއެވެ.

ވޮން ޑެ ލަޔަން ވިދާޅުވީ, 9 ގިގަވޮޓުގެ ހަކަތަ އުފައްދަން ބޭނުން ކުރާ ވަަސީލަތްތައް ރަޝިޔާގެ ޙަމަލާތަކުގައި ހަލާކު ކޮށްލާފައިވާ ކަމުގައެވެ. އެއީ, ބޯލްޓިކްގެ ތިން ޤައުމެއްގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ބޭނުންވާ މިންވަރު ކަން ހާމަކުރައްވައި ވޮން ޑެ ލަޔަން ވިދާޅުވީ އޭގެ ތެރެއިން 2.5 ގިގަވޮޓުގެ ހަކަތަ އުފައްދަން ބޭނުންވާ ވަސީލަތްތައް މަރާމާތު ކުރަން އީޔޫން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައެވެ. އަދި, ވިލާތުން 2 ގިގަވޮޓުގެ ހަކަތަ ޔޫކްރެއިނަށް އެކްސްޕޯޓު ކުރާނެ ކަމުގައެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޒެލެންސްކީ ވަނީ ޚާއްޞަ ރޭވުމެއް ރާއްވަވާފައެވެ. އަދި, ކުރިއަށް އޮތް ހަފުތާގައި އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގައި އެ ރޭވުން އެ ޤައުމުގެ ރައީސް ޖޯ ބައިޑަނަށް ހުށަހަޅުއްވާނެ ކަމުގައި އޭނާ ވިދާޅުވެފައިވެއެވެ. "އެ ރޭވުމުގައި ހިމެނޭ ގިނަ ނިންމުންތައް ނިންމުމުގެ ބާރު އޮތީ އޭނާގެ [ބައިޑަންގެ] ކިބައިގައި. އަދި, އެހެން މަދަދުގާރުންގެ ކިބައިގައި. ނަމަވެސް, އެމެރިކާގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެ ބައެއް ކަންކަން ރޭވުމުގައި ހިމެނޭ،" ޒެލެންސްކީ ވިދާޅުވިއެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމާ ގުޅޭ ގޮތުން ސުލްޙައިގެ މަޝްވަރާތައް ފެށުމަށް ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް, އޭނާ ވަނީ އެ ކަމަށް ޝަރުޠުތަކެއް ކަނޑައަޅުއްވާފައެެވެ. އޭގެ ތެރޭގައި, ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ބިންތައް ރަޝިޔާއަށް ދޫކޮށްލުމާއި, ނޭޓޯގެ މެންބަރު ކަން ހޯދަން ޔޫކްރެއިނުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލުން ހިމެނެއެވެ. ނަމަވެސް, ޒެލެންސްކީ ގެންދަވަނީ އެ ކަމަށް އިންކާރު ކުރައްވަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ހަނގުރާމަ ހުއްޓައިލަން ރަޝިޔާއާއި ޔޫކްރެއިނުން ކުރިން އެއްބަސްވެފައިވީ ނަމަވެސް, ސުލްޙަވާން ޔޫކްރެއިނުން ދެކޮޅު ހަދާފައި ވަނީ އެމެރިކާއާއި ހުޅަނގުން އެ ކަމަށް ބާރު އެޅުމުން ކަމުގައެވެ.