ޚަބަރު

"މިޔަހެލި"ގެ ނަމުގައި ބޫޓް ކޭމްޕެއް ކުރިއަށްގެންގޮސްފި


ޔުނައިޓެޑް ނޭޝަންސް ޑެވަލޮޕްމަންޓް ޕްރޮގްރާމް، ޔޫ.އެން.ޑީ.ޕީއިން އިސްނަގައިގެން ޒުވާނުންނަށް ޚާއްސަކޮށްގެން "މިޔަހެލި"ގެ ނަމުގައި ބޫޓް ކޭމްޕެއް ކުރިއަށްގެންގޮސްފިއެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކ. މާފުށީގައި ކުރިއަށްގެންދިޔަ މި ކޭމްޕުގައި 36 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ޔޫ.އެން.ޑީ.ޕީއިން އިސްނަގައިގެން އޮސްޓްރޭލިއާ ސަރުކާރާއި، އުރީދޫ މޯލްޑިވްސްގެ އެހީގައި ކ.މާފުށީގައި ކުރިއަށްގެންދިޔަ މި ކޭމްޕުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް ހިއްސާކުރަނީ ޒުވާނުންކަމަށްވެފައި، ޒުވާނުން ބާރުވެރިކުރުވާ، އެކިކަހަލަ ދާއިރާތަކުން ކުރިއަށްދާން ބޭނުންވެފައިތިބި ޒުވާނުންނަށް އެފަދަ ފުރުސަތުތައް ފަހިކޮށްދިނުންކަމަށް ޔޫއެންޑީޕީން މައުލޫމާތުދެއެވެ. މިޔަހެލި ކޭމްޕް ފަރުމާކޮށްފައިވަނީ ޔޫ.އެން.ޑީ.ޕީއިން މީގެކުރިން ރާއްޖޭގައި ހިންގާފައިވާ ޕްރޮގްރާމްތަކާއި ތަފާތުކޮށެވެ. އެގޮތުން މީގެކުރިން އެ ޖަމިއްޔާގެ ފަރާތުން ޕްރޮގްރާމްތައް ހިންގަމުންދިޔައީ އިންޑޯ ހޯލްތަކުގައި ކަމަށްވީނަމަވެސް، މިފަހަރުގެ ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ އައުޓް-ޑޯ ތަނެއްގައި ތިބެ، ބައިވެރިން މަސައްކަތްކުރާގޮތަށެވެ.

މި ޕްރޮގްރާމް ފަރުމާކޮށްފައިވާގޮތުން ވަކި ވަކި މުޖުތަމަޢުތަކުގައި ހުރި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، އަމިއްލަ ޕްލޭންތަކެއް އެކުލަވާލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ. އަދި ބައިވެރިން ހުށައަޅާ ޕްލޭންތަކެއްގެ ތެރެއިން ހޮވާލެވޭ ވަކި ޕްލޭންތަކެއް ތަންފީޒުކުރުމަށް ބޭނުންވާ ބަޖެޓާއި، ފަންނީ އެހީތެރިކަން ޔޫ.އެން.ޑީ.ޕީގެ ފަރާތުން ލިބިގެންދާނެކަމަށް ޔޫ.އެން.ޑީ.ޕީގެ އެސިސްޓެންޓް ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އައިޝަތު ރިޒްނާ ވިދާޅުވިއެވެ.

ޕީ.އެސް.އެމް ނިއުސްއާއި ވާހަކަދެއްކި ކޭމްޕުގެ ބައެއް ބައިވެރިން ވަނީ މިފަދަ ކޭމްޕެއްގެ ސަބަބުން މީހުންނާއި ގުޅިގެން މަސައްކަތްކުރުމާއި، އަމިއްލަ ހިޔާލު ފާޅުކުރުމާއި، މީހުންނާއި މުޢާމަލާތްކުރުން ފަދަ ހުނަރުތައް ތަރައްޤީކުރުމުގެ ފުރުސަތު ލިބިގެންދިޔަކަން ފާހަގަކޮށްފައެވެ. އަދި މިފަދަ ކޭމްޕްތަކަށް ޒުވާނުން ބޭނުންވެފައިތިބި މިންވަރު އެފަރާތްތަކާއި ވާހަކަދައްކާލުމުން އެގިގެންދިޔަކަމަށްވެސް އެފަރާތްތަކުން ބުނެއެވެ.

މިފަދަ އިތުރު ޕްރޮގްރާމްތައް އަދިވެސް ރާއްޖޭގެ އިތުރު ސަރަހައްދުތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާކަމަށް ޔޫ.އެން.ޑީ.ޕީން މައުލޫމާތުދެއްވައެވެ.