ޚަބަރު

ތިނަދޫގައި އަލަށް ހިއްކާ ސަރަހައްދު އެރަށަށް ބަދަލުވާ މީހުންނަށް


ގދ. ތިނަދޫގައި އަލަށް ހިއްކާ ސަރަހައްދު ބޮޑަށް ޚާއްސަކުރައްވާނީ އެހެންރަށްރަށުން ތިނަދުއަށް ހިޖުރަކުރާ މީހުންނަށްކަމަށް ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެހެންރަށްރަށުން ތިނަދުއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރު ހުޅުވާލައްވާފައިވާކަމަށްވެސް  މިނިސްޓަރ ވިދާޅުވިއެވެ.

ގދ. ތިނަދޫ ބިން ހިއްކެވުމުގެ މަޝްރޫޢުގައި ހިއްކަވަން ހަމަޖެހިފައިވަނީ 55 ހެކްޓަރުގެ ސަރަހައްދެކެވެ. ތިނަދޫ ބިން ހިއްކެވުމުގެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިހާދު ވިދާޅުވީ، ތިނަދޫގައި އަލަށް ހިއްކަވާ ސަރަހައްދު ތަރައްޤީކުރެވިގެންދާނީ އެރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަކުރައްވައިގެންކަމަށެވެ. އަދި ތިނަދޫއަށް ހިޖުރަށް ކުރަންބޭނުންވާ ހުރިހާ ފަރާތްތަކަށް އެފުރުސަތު އެބައޮތްކަމަށް މިނިސްޓަރ ޖިހާދު ވިދާޅުވިއެވެ.

މިނިސްޓަރ ޖިހާދު ވިދާޅުވީ، ތިނަދޫއަށް ބަދަލުވާ ރައްޔިތުންނަށް އެރައްޔިތުން މިހާރު ދިރިއުޅޭ ރަށްރަށަށްވުރެ މާ އުފާވެރި ހިތްގައިމު ދިރިއުޅުމެއް ތިނަދޫއިން ލިބިގެންދާނެކަމަށެވެ. ތިނަދޫ ކައުންސިލުން ބުނީ އެކައުންސިލުން ބޭނުންވަނީ ތަރައްޤީ ކަމަށާއި ރައްޔިތުންނާ ގުޅުންހުރި ތަރައްޤީގެ ހުރިހާ މަޝްރޫޢުތަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

ތިނަދޫގެ އާބާދީގައި ގާތްގަނޑަކަށް 8000 މީހުން ދިރިއުޅޭއިރު ރަށުން ބޭރު މީހުންނާއެކު ތިނަދޫގައި 10،000 މީހުން ދިރިއުޅޭކަމަށް ތިނަދޫ ކައުންސިލުން މައުލޫމާތުދެއްވައެވެ. ތިނަދޫގައި އަޅާ ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތައްވެސް ރަށުން ބޭރު މީހުންނަށްނަށް ޚާއްސަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ތަރައްޤީއާއި އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ އަމާޒަކީ ބިންބޮޑު އާބާދީގެ ގޮތުން ބޮޑު ސަރަޙައްދުތައް ތަރައްޤީކޮށް، ކުދި އާބާދީތައް މިސަރަޙައްދުތަކަށް ބަދަލުކުރެއްވުމެވެ.