އޮސްޓްރޭލިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމުން ގްރަހަމް އާނޯލްޑް އިސްތިއުފާދިފިއެވެ.
އުމުރުން 61 އަހަރުގެ އާނޯލްޑް، އެ މަގާމުން އިސްތިއުފާދީފައިވަނީ، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އޮސްޓްރޭލިއާގެ ނަތީޖާތައް ދަށްވުމުގެ ސަބަބުންނެވެ. އެގޮތުން، ކޯޗުގެ މަގާމުން އިސްތިއުފާދިނުމަށްފަހު އާނޯލްޑް ވަނީ، މިއީ މި ވަގުތަށް ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ބުނެފައެވެ.
"އިންޑޮނޭޝިއާ އާ ދެކޮޅަށް ކުޅުނު މެޗަށްފަހު އަހަރެން ބުނިން ނިންމަންޖެހޭ ބައެއް ނިންމުންތައް ހުރި ވާހަކަ. އަދި ފުން ވިސްނުމަށްފަހު، އަހަރެންނަށް ފެންނަނީ މިއީ ބަދަލެއް ގެންނަންވީ ވަގުތު ކަމަށް،" އާނޯލްޑް ނެރުނު ބަޔާނުގައިވެއެވެ.
އާނޯލްޑް ބުނީ، އެ މަގާމުގައި ހުރެގެން އޭނާއަށް ކުރެވުނު ހުރިހާ ކަމެއް ކޮށްފައިވާ ކަމަށާއި، އަދި އޭނާގެ ކޯޗުކަމުގައި ހާސިލުކުރެވުނު ކަންތައްތަކާމެދު ވަރަށް ބޮޑަށް ފަޚުރުވެރިވާ ކަމަށެވެ.
އޮސްޓްރޭލިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ އާނޯލްޑް ހަވާލުވީ، 2018 ވަނަ އަހަރެވެ. އެއީ އެ ފަހަރު ރަޝިއާގައި ކުރިއަށްދިޔަ ވޯލްޑް ކަޕްގައި ނެރުނު ނަތީޖާތައް ގޯސްވުމުންނެވެ. އޭގެކުރީން، އޭނާ ވަނީ 2000 ވަނަ އަހަރުގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށް، 2006 ވަނަ އަހަރު އޭރުގެ ކޯޗު، ގޫސް ހިޑިންކް މަގާމު ދޫކޮށްލުމުން އިންޓެރިމް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.
ކުރީން އޮސްޓްރޭލިއާ ޓީމަށް ފޯވާޑެއްގެ ގޮތުގައި ކުޅެފައިވާ އާނޯލްޑްގެ ދެވަނަ ދައުރު ނިންމާލިއިރު، އެ ޓީމުން އަމިއްލަ ދަނޑުގައި ބަހްރެއިން އަތުން 1-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ. އޭގެކުރީން އިންޑޮނޭޝިއާއާ ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފައެވެ.
އާނޯލްޑްގެ އިރުޝާދުގެ ދަށުން، އޮސްޓްރޭލިއާއިން ވަނީ ގަތަރުގައި ބޭއްވި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 ބުރާއި ހަމައަށް ދަތުރުކޮށްފައެވެ. އެ ފަހަރުގެ މުބާރާތުގައި އެ ޓީމު ކެޓީ، ޗެމްޕިއަންކަން ހޯދި އާޖެންޓީނާ އަތުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު އޮސްޓްރޭލިއާ އޮތީ އޭޝިއާގެ ކޮލިފައިން ގްރޫޕުގެ ފަސްވަނައިގައެވެ. އެމެރިކާ އާއި، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕުން އޭޝިއާއިން އޮޓޮމެޓިކް ޖާގަ ލިބެނީ ކޮންމެ ގްރޫޕަކުން އެންމެ ކުރިހޯދާ ދެ ޓީމަށެވެ.
އޮސްޓްރޭލިއާއަށް ދެން އެންމެ އަވަހަށް އޮތީ އަންނަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޗައިނާއާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗެވެ. އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އަމާޒަކީ އެ މެޗުގެ ކުރީން، ދާއިމީ ކޯޗެއް ހޯދުމެވެ.