ޚަބަރު

އަކުސައަކީ މުސްކުޅިވުމެއް ނޫން، ބޭނުންވަނީ އަޅާލުން!


  • ޑިމެންޝިއާއަކީ މުޅި ދުނިޔޭގައި 7 ވަނަ އަށް އެންމެ ގިނަ މީހުން މަރުވާ ސަބަބު

  • ރާއްޖޭގައިވެސް ބަލީގެ ކޭސްތައް ފެނޭ އެހެންނަމަވެސް ޢާއްމުންގެ ހޭލުންތެރިކަން ކުޑަ

  • ޑިމެންޝިއާގެ އެތައް ޢަލާމާތްތަކެއް ހުރި އިރު އެކަންކަން ދެނެގަތުން މުހިންމު

ޑިމެންޝިއާ ނުވަތަ އަކުސައަކީ މީހާގެ ހަނދާނަށާއި ވިސްނުމުގެ ބާރަށް އަސަރުކުރުވާ އަދި މީހުންނާއި މުޢާމަލާތުކުރުމަށް އަސަރުކުރުވާ ޙާލަތެކެވެ. ޑިމެންޝިއާގެ އެކިވައްތަރު ހުންނައިރު މިބައްޔާއި ގުޅޭގޮތުން ޢާއްމުންގެ ހޭލުންތެރިކަން ކުޑައެވެ. އެހެންކަމުން މިކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ ގޮތުން ޑިމެންޝިއާއާއި ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ މަހުގެ ގޮތުގައެވެ. އަދި މިދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހެވެ.

ޢާންމު ނޫން ބަލިތަކާ މެދު ހޭލުންތެރިކަން ރާއްޖޭގައިވެސް ވަރަށް ކުޑައެވެ. މީގެ އަހަރުތަކެއް ކުރިއަށް ޖެހިލާއިރު ނަފްސާނީ ބައްޔަކީވެސް ގިނަ ބަޔަކު އެކަމާމެދު ނުރުހުމުގެ ނަޒަރުން ބަލަމުންދިޔަ އަދި އެވާހަކަތަށް ދެއްކުމަށް ފަސްޖެހެމުންދިޔަ ބައްޔެކެވެ. ނަމަވެސް އެބައްޔަށް ހޭލުންތެރިކަން އިތުރުުރުމަށް ކުރާ މަސައްކަތުން މި ބައްޔާމެދު ޢާންމުން ދެކޭގޮތް ދަނީ ބަދަލުވަމުންނެވެ.

މިއަދު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއެކު މިވަނީ ސިއްޙަތާއި ގުޅުންހުރި އިތުރު ކަންކަންވެސް ފާހަގަވާން ފަށާފައެވެ. އޭގެތެރޭގައި ޑިމެންޝިއާ ހިމެނެއެވެ. ޑިމެންޝިއާ ނުވަތަ އަކުސައަކީ އެކި ސަބަބުތަކާއި ގުޅިގެން ހަނދާނަށާއި، ވިސްނުމުގެ ޤާބިލުކަމަށާއި، ކަންކަމުގައި ގޮތް ނިންމުމާއި، މުޢާމަލާތުކުރުމުގެ އިތުރުން ޢާންމު ދިރިއުޅުމުގެ ކަންކަމަށް އަސަރުކުރުވާ ޙާލަތެކެވެ. މިކަން ޢާއްމުގޮތެއްގައި ފެންނަނީ ޢުމުރުން ދުވަސްވީ މީހުންގެ ކިބައިންނެވެ. އެހެންނަމަވެސް މިއީ މުސްކުޅި ވުމުގެ ޢަލާމާތެއް ނޫނެވެ.

ޑިމެންޝިއާގެ ޢަލާމަތްތައް ފެންނަނީ ސިކުނޑީގެ ކޮންމެވެސް އެހެން ބައްޔެއް ނުވަތަ ސިކުނޑީގެ ނާރުތަކަށް ލިބޭ ގެއްލުމެއްގެ ސަބަބުންކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން އެންމެ ޢާންމު މިފަދަ ބައްޔަކީ އަލްޒައިމަރސް ނުވަތަ ހަނދާންނެތުމުގެ ބަލި ހިމެނެއެވެ. ދެން މީގެ އެންމެ ޢާންމު ވައްތަރަކީ، ވަސްކިއުލަރ ޑިމެންޝިއާއެވެ. އެއީ ސިކުނޑިއަށް ލޭ ދައުރުކުރުމުގައި ދިމާވާ އެކި ހުރަސްތަކާއެކު ކުރިމަތިވާ ބައްޔެކެވެ. އެގޮތުން ސްޓްރޯކް ޖެހުމުގެ ސަބަބުން ސިކުނޑީގައި ލޭދައުރު ކުރުމަށް އަންނަ ބަދަލަކީވެސް ބައްޔަށް ހުށައެޅުމުގެ ސަބަބެކެވެ.

ޑިމެންޝިއާއަކީ ކޮބާ؟

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު ދުނިޔޭގައި 7 ވަނަ އަށް އެންމެ ގިނަ މީހުން މަރުވާ އަދި ޢުމުރުން ދުވަސްވީ މީހުންގެ މެދުގައި ނުކުޅެދުންތެރިކަމާއި އެހެން މީހެއްގެ އެހީތެރިކަމަށް އެންމެ ބޮޑަށް ބޭނުންޖެހޭ ސަބަބަކީވެސް ޑިމެންޝިއާއެވެ.

އެކި މީހުންނަށް ޑިމެންޝިއާގައި ފެންނަ ޢަލާމާތްތައް ތަފާތުވެއެވެ. އެންމެ ޢާންމުކޮށް ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ކައިރީ މަޒީގައި ހިނގާފައިވާ ކަންކަން ހަނދާން ނެތުމާއި، ޢާންމުކޮށް ބޭނުންކުރާ ތަކެތި ބެހެއްޓޭ ތަންތަން ހަނދާންނެތުން ނުވަތަ ނޭނގުމާއި، ހިނގާފައި ނުވަތަ ދުއްވާއެއްޗެއްގައި ދާއިރުވެސް ދާންވީ މިސްރާބު ނުވަތަ ދާންވާ ތަން ބުނެދޭން ނޭނގުމާއި، ޢާންމުކޮށް ގޮސްއުޅޭ ތަންތަނާއި މީހުން ވަކިކުރަން ނޭނގުން ފަދަ ކަންކަން ހިމެނެއެވެ. މީގެއިތުރުން މުޢާމަލާތުކުރުމުގައި ބޭނުންކުރަންވީ ބަސްތައް ނަގައިނުގަނެވުންވެސް މީގެ ޢަލާމާތްތަކުގެ ތެރޭގައި ހިމެނެއެވެ.

ބައްޔާއި މެދު މުޅި ދުނިޔޭގައިވެސް ހޭލުންތެރިކަން ކުޑަކަން ޑަބްލިއުއެޗްއޯއިން ފާހަގަކުރައްވައެވެ. އެހެންނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ބައްޔާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔާތަކާއި ސިއްޙީ ޚިދުމަތްދޭތަންތަނުން މަސައްކަތް ފަށާފައިވާކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ފާހަގަކުރައްވައެވެ.

ޑިމެންޝިއާ ރާއްޖޭގައި ދެނެގަތުމުގައި އެތައް ހުރަހެއް!

ރާއްޖޭގައިވެސް މިބައްޔާ މެދު ޢާންމުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއްވަނީ ފަށާފައެވެ. އެގޮތުން 2019 ވަނަ އަހަރު އަލްޒައިމަރސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ނަމުގައި ޖަމްޢިއްޔާއެއް އުފައްދާ މިބައްޔާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށާއި، ރާއްޖޭގެ ޙާލަތު ދެނެގަތުމަށްދަނީ މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް މިބައްޔާ މެދު އެކަށީގެންވާ ހޭލުންތެރިކަން ކުޑަވުމުގެ ސަބަބުން ގިނަ ބަޔަކު މިއީ މުސްކުޅިވުމުގެ ޢަލާމާތެއްކަމަށް ދެކި ފަރުވާ ނުފަށާކަން އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ. ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެޖަމްޢިއްޔާއިން ބުނީ، ރާއްޖޭގެ އާބާދީ 2054 ވަނަ އަހަރާ ހަމައަށް ޢުމުރުން ދޮށީ މީހުންގެ އާބާދީއަކަށް ބަދަލުވާއިރު ޑިމެންޝިއާ ތަހައްމަލުކުރާނެ މީހުންގެ ނިސްބަތް އިތުރުވާނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން މިވަގުތަކީ މިކަމުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި މަސައްކަތް ކުރަންޖެހޭ ވަގުތުކަން އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

ރާއްޖޭގައިވެސް ޑިމެންޝިއާ ތަޙައްމަލުކުރަމުންދާ މީހުންގެ ޢަދަދު އިތުރުވަމުންދާކަން އެޖަމްޢިއްޔާއިން ފާހަގަކުރައްވައެވެ. އެހެންނަމަވެސް މިވަގުތު ބަލީގެ ޙާލަތު ދެނެގަތުމަށް އެކަށިގެންވާ ތަފާސްހިސާބުތަކެއް އެއްނުކުރެވޭކަންވެސް އެޖަމްޢިއްޔާއިން ފާހަގަކުރައްވައެވެ.

އާސަންދަ މެދުވެރިކޮށް އެހީ ހޯދި މީހުންނަށް ބަލާއިރު، ޑިމެންޝިއާ ތަޙައްމަލުކުރަމުންދާ 1400 އެއްހާ މީހުން އެހީ ހޯދާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކާކައެވެ. ޤައުމީ ފެންވަރުގައި މިމަސައްކަތް ފެށުމަށްކަމާއި ގުޅޭ އެކި ފަރާތްތަކާއި ބައްދަލުކޮށް ޤައުމީ ޑިމެންޝިއާ ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

ޢުމުރުން ދުވަސްވީ މީހުންގެ ކިބައިން ހަނދާން ނެތުމާއި ކަންކަން ބުނެދޭން ނޭގުން ނުވަތަ މުޢާމަލާތުކުރުމުގައި ދަތިކަމެއް އުޅޭކަން ފާހަގަވާ ހިސާބުން ސިއްޙީ އެހީތެރިކަން އެހީ ހޯދުމަކީ މުހިންމުކަމެކެވެ. ބަލީގެ ފަރުވާ އަދި ހޯދިފައި ނުވިނަމަވެސް ޙާލަތު އިތުރަށް ގޯސްވުން ދުރުކޮށްދޭ އެކި ކަންކަން މިހާރުވަނީ ހޯދިފައެވެ. މިފަދަ ކަމެއް ތަޙައްމަލުކުރާ މީހެއް އެނގޭނަމަ އެހީތެރިވުމަކީ ކޮންމެ މީހެއްގެ ޒިންމާއަކަށް ހަދަންޖެހެއެވެ.