ޚަބަރު

އދ.ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެމެރިކާއަށް ފުރާވަޑައިގެންފި


  • ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރައްވާނީ ސެޕްޓެމްބަރު 24 ވާ އަންގާރަ ދުވަހު

  • ރާއްޖެއިން އިސްނަގައިގެން ބާއްވާ ސެޝަންތައް ކުރިއަށްދާނެ

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރުކުރައްވާނީ ސެޕްޓެމްބަރު 24ވާ އަންގާރަ ދުވަހުއެވެ. އެމަނިކުފާނުގެ މިދަތުރުފުޅުގައި ސަމިޓް އޮފް ދަ ފިއުޗަރގައި ބައިވެރިވެވަޑައިގަންނަވައި، މުހިންމު މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުރުން ހަވާސާގައި ކުރިއަށްދާ ހަރަކާތްތަކުގައިވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެކި ދައުލަތްތަކާއި ޤައުމުތަކުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އެމަނިކުފާނުގެ މިދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެ އދ.ގެ މެންބަރު ޤައުމަކަށް ވީތާ 59 އަހަރު ފުރޭ މުނާސަބަތާވެސް މެއެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ އެނބުރިވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 29 ވާ އާދީއްތަ ދުވަހުއެވެ.