ޚަބަރު

ސުލްޙައަށް މަސައްކަތް ކުރުން: މުޖްތަމަޢުގެ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއް


  • ބައިނަލްއަޤްވާމީ ސުލްޙައަށް މަސައްކަތް ކުރާ ދުވަހަކީ 21 ސެޕްޓެމްބަރ

  • މި ދުވަސް ފާހަގަކުރަން އދ. ޤަރާރަކުން ކަނޑައެޅީ 1981 ގައި

"ސުލްޙަ" މި ބަހުގެ އެތައް މާނައެއް އޮވެއެވެ. އޭގެ ތެރެއިން އެއް މާނައަކީ އަމަން އަމާންކަމެވެ. ދެވަނަ މާނައަކީ ދެކޮޅުވެރި ކަމެއް ނެތުމެވެ. މީގެ އިތުރުން ހަމަނުޖެހުމަކަށް ފަހު ދެފަރާތުގެ އުފެދޭ ރަނގަޅު ގުޅުމަށްވެސް މި ބަސް ބޭނުން ކުރެއެވެ. މިއިން ކޮންމެ މާނައެއްގައި މި ބަސް ބޭނުން ކުރިނަމަވެސް ޖުމްލަ ގޮތެއްގައި ހާސިލްކުރަން ބޭނުންވަނީ އެކަތިގަނޑެއްގެ ގޮތުގައި އެކުގައި ގުޅިގެން އުޅުމެވެ.

ސުލްހައަށް މަސައްކަތް ކުރާ ދުވަހެއް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަނީ މި މަޤްޞަދުގައެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ބައިނަލްއަޤްވާމީ ސުލްހައިގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް އދ.ން ނިންމާފައިވަނީ ދުނިޔޭގައި ޞުލްޙަ ޤާއިމްކޮށް ޞުލްޙައިގެ ރޫޙް ޤައުމުތަކުގެ މެދުގައާއި ޢާއްމު ރައްޔިތުންގެ މެދުގައި އާލާކުރުމުގެ މަޤްޞަދުގައެވެ. އަދި ހަމަނުޖެހުންތަކާއި ހަނގުރާމަ ހުއްޓާލުމަށް ބާރުއެޅުމަކީވެސް މިދުވަސް ފާހަގަކުރުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ސުލްޙައަށް ވަކާލާތު ކުރާ ޤައުމުތަކުން ސުލްޙައަށް މަސައްކަތް ނުކުރޭ

އދ.ން ސުލްޙަ މިގޮތަށް މާނަކުރިނަމަވެސް، ހަޤީޤަތުގައި އަދުގެ ދުނިޔޭގެ ހާލަތައް ބަލާއިރު، ސުލްޙަ ޤާއިމްވެފައިވެއޭ ބުނަން ދައްޗެވެ. ދުނިޔޭގެ އިރުން ހުޅަނގަށް ބަލާލިއަސް ފެންނަނީ ހަތުރުވެރިކަމުގެ އަލިފާން ފެތުރިފައިވާތަނެވެ. ބޮޑެތި ބާރުތަކުން އަމިއްލައަށް ހަނގުރާމަ ކުރަން ނޫޅުނަސް ޤައުމުތަކުގެ ސުލްޙަވެރިކަން ނަގާލަނީ ނުފޫޒާއި ބާރުދީގެންނެވެ.

ޔަހޫދީން ފަލަސްޠީނުގެ ބިންތަކަށްވެރިވެ ހިންގަމުންދާ ޤަތުލްޢާމާއި އިސްތިޢުމާރަކީ މީގެ ފުރިހަމަ ހެއްކެކެވެ. މުސްލިމުންގެ ބިންތަކަށް އަތްގަދަކުރަނީ ދަހިވެތިކަމާއެކު މުސްލިމް އުއްމަތް އެމީހުންނަށްވުރެ ކުރިއަރައި ދާނެ ކަމަށް ހީކޮށެވެ. އެފްރިކާ ބައްރުގެ ޤައުމުތައް ލޫޓުވަނީވެސް މި އުސޫލުންނެވެ. ބާރުވެރިކަން ދެމެހެއްޓުމަށެވެ.

މިއީ މިވަގުތު ސުލްޙައަށް ވަކާލާތު ކުރާ ބައިނަލްއަޤްވާމީ ބޮޑެތި ބާރުތަކުގެ ހާލަތެވެ. މިފަދަ ކަންކަމާއިމެދު ވިސްނާ ސުލްޙަވެރިކަމާއި އަމާންކަމާއެކު އުޅެން ބޭނުންނަމަ އަމިއްލަ މިނިވަންކަމުގައި އެކުގައި ތިބުމަށް ހުރިހާ އެންމެންވެސް އެއްބާރުލުން ދޭންޖެހެއެވެ.

ސުލްޙަވެރި ދިރިއުޅުމަކަށް ފަރުދީ ގޮތުން މަސައްކަތް ކުރަން ޖެހޭ

ދުނިޔޭގެ ހާލަތު ކޮންމެ ގޮތަކަށް އޮތަސް އަޅުގަނޑުމެންގެ ޖަޒީރާ ކުޑަ ދިވެހި ރާއްޖެއަކީ ބައިނަލްއަޤްވާމީ މައިދާނުގައި އަޑުހަރު ޤައުމެކެވެ. އެއްދީނަކަށް އުޅޭ އެއް ނަސްލަކަށް ނިސްބަތްވާ ބަޔަކު އުޅެމުންދާ ސުލްޙަވެރި ޤައުމެކެވެ.

އެހެނަސް ސިޔާސީ ގޮތުން ދެކޮޅުވެރިކަމަށް ޖާގަ ދީފިއެވެ. އިޖްތިމާޢީ އެތަކެއް މައްސަލަތަކެއް ބޮއްސުންލާ ގޮސް ޢާއިލާތަކުގެ ތެރޭގައިވެސް ސުލްޙައެއް ނެތެވެ. މިއީ ވިސްނާލަން ޖެހޭ ކަންކަމެވެ.

ބައިނަލްއަޤްވާމީ ސުލްހައިގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ސުލްޙައިގެ ސަޤާފަތެއް އަލާކުރުން" މި އެވެ. މި ސަޤާފަތް އަޅުގަނޑުމެން އަށަގަންނުވަން ޖެހެއެވެ. މައްސަލަތައް ހައްލު ކުރުމަށް މުޢާމަލާތްކުރުމަށް އިސްވެ ނިކުންނަން ޖެހެއެވެ. އެއްވެސް ބަޔަކު ތާ އަބަދަކު ދެކޮޅުވެރިކަމެއް ބޭނުމެއް ނުވާނެއެވެ. މުޖްތަމަޢެއްގެ ގޮތުގައި ދެމިތިބޭއިރު ލޯތްބާއި އަޅާލުމާއި އަޚްވަންތަކަން އަލާކުރުމަށް އިސްކަން ދޭން ޖެހެއެވެ.