ތަޢުލީމު

އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރަނީ


ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން ދޫކުރައްވާ ސްކޮލަރޝިޕްތަކާއި ލޯން ސްކީމްތަކުގެ މަޢުލޫމާތުތައް މެނޭޖްކޮށް ބަލަހައްޓާނެ، އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމެއް ޤާއިމުކުރުމަށް ނެޝަނަލް ސެންޓަރ ފޯ އިންފޮރމޭޝަން ޓެކްނޮލޮޖީ އެންސީއައިޓީއާއި ޙަވާލު ކުރައްވައިފިއެވެ.

މިކަމާއިބެހޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރގެ ނާއިބު އަޒްލީން އަޙުމަދު އަދި އެންސީއައިޓީގެ ފަރާތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އަޝްމަލީއެވެ.

އެޑިޔުކޭޝަން މިނިސްޓަރގެ ނާއިބު އަޒްލީން އަޙުމަދު ވިދާޅުވީ، މި ސިސްޓަމާއެކު ސްކޮލަރޝިޕްތަކާއި ލޯން ސްކީމްތަކުގެ މަޢުލޫމާތުތައް ބަލަހައްޓާ، އަޕްޑޭޓްކުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި ސިސްޓަމުގައި މަޢުލޫމާތުތައް ރައްކާކުރެވުމުގެ އިތުރުން، އެ މަޢުލޫމާތުތަކުގެ ސައްޙަކަން ޔަޤީންކުރެވިގެންދާނެކަމަށްވެސް އަޒްލީން ވިދާޅުވިއެވެ.