ކުޅިވަރު

އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އަހަރެއް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ އަހަރެއް ފާއިތުވެފައިވާ ކަމަށް ފީފާއިން އެކުލަވާލާފައިވާ ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ. އެ ކޮމިޓީން މިކަން ހާމަކުރީ ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް، އެ ކޮމެޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވީ މި ވަގުތު އެންމެ ބޮޑު ފޯކަސް އެއް ހުރީ ދިވެހިން ކުންފުނިތަކަށް ދަރާފައިވާ ފައިސާތައް ޚަލާސްކުރަން ކަމަށާއި، އެ ގޮތުން ސަރުކާރުގެ ކުންފުނިތަކަށް ދޭންހުރި ފައިސާއާ ގުޅޭގޮތުން މިހާރު މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި ފައިސާއާ ގުޅުންހުރި ކަންތައްތަކުގެ ތެރެއިން އެފްއޭމްގެ މުވައްޒަފުންނަށް ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި މުސާރަ ދީފައިނުވާކަން ފާހަގަކުރެވުނު ކަމަށްވެސް ވިދާޅުވިއެވެ. އޭގެ ތެރެއިން ޓްކެނިކަލް މުވައްޒަފުންނާއި، ކޯޗުން އަދި ރެފުރީންނަށްވެސް ފައިސާ ނުދެވިވާ ކަމަށް ޒުހޫރު ވިދާޅުވިއެވެ. ޒުހޫރު ވިދާޅުވީ އެންމެ ފަހުން ލިބިފައިވާ މައުލޫމާތައް ބަލާއިރު، ބައެއް މުވައްޒަފުންނަށް މުސާރަ ދީފައިވީ ނަމަވެސް، ބޮޑު ބަޔަކަށް މުސާރަ ދެވިފައިނުވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުނިޔޭގެ ފުޓްބޯޅަައިގެ މައި ޖަމުއިއްޔާ، ފީފާއިން ވަނީ މުވައްޒަފުންނަށް ނުދީ ހުރި މުސާރަތައް ދިނުމަށް ޝަރުތުކޮށް، ފުރަތަމަ ފިޔަވަހީގެ ގޮތުގައި އެފްއޭއެމް އަށް އެއް ލައްކަ ޑޮލަރު ދީފައެވެ. ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެކްޓިން ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ ހަތަރު ފިޔަވައްސަކަށް ބަހާލައިގެން މުސާރަތައް ދިނުމަށް ފީފާ އާއެކު އެއްބަސްވެފައިރު، މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމަޔަށް އިދާރީ ހުރިހާ މުވައްޒަފުންގެ މުސާރަތައް ދެވިފަވާނެ ކަމަށެވެ.

ޖައުޝަން ވިދާޅުވީ ފީފާ ޑިވޮލަޕްމަންޓް ފަންޑުން ލިބިމުންދިޔަ ފައިސާ ހުއްޓުނު ހިސާބުން މުސާރަތައް ދިނުމަށް ދަތިތަކެއް ދިމާވި ކަމަށާއި، މި އަހަރުގެ ފެބްރުއަރީ މަހާ ހަމައިން ފެށިގެން ބައެއް މުވައްޒަފުންނަށް ސްޕޮންސަރުންގެ އެހީތެރިކަމާއެކު މުސާރަ ދެވިފައިވާނެ ކަމަށެވެ. އެހެންނަމެވެސް ހުސްވި ޖުލައި މަހުން ފެށިގެން އޭނާވެސް ހިމެނޭގޮތަށް މުސާރަ ދެވިފައިނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

"ތިންވަނަ ފިޔަވަހީގައި މުސާރަ ދިނުމަށް އެއް ލައްކަ އައްޑިހަހާސް ޑޮލަރު ފީފާއިން ދިން. މީގެ ތެރޭގައި ހިމެނެނީ ޓެކްނިކަލް ބޭފުޅުންގެ ތެރެއިން މުސާރަ ނުދެވި ހުރި ބޭފުޅުންނާއި، ވަޒީފާއިން ވަކިވެފައި އަދި ވަކިވިއިރުވެސް ޕެންޑިން ސެލެރީ ހުރި ބޭފުޅުން. އޭގެ ތެރެއިން 1.7 މިލިޔަން މުސާރައަށް ޚަރަދުކުރެވުނު." ޖައުޝަން ވިދާޅުވިއެވެ.

އެފްއޭއެމުގެ މުވައްޒަފުންގެ މުސާރަ ދިނުމަށް ޝަރުތުކޮށް ފީފާއިން ފައިސާ ދީފައިވާއިރު، އެ ފައިސާގެ ރިޕޯޓު އެ އިދާރާއަށް ހިއްސާކުރަން ވަނީ އަންގާފައެވެ. މުސާރައިގެ މައްސަލަތަކުގެ އިތުރުން އެފްއޭއެމްގެ ގިނަ މައްސަލަތަކެއް ޝަރުއީ ކޯޓުތަކުގައިވެސް ދަނީ ކުރިއަށެވެ. އަދި އެ އިދާރާގެ އިސްވެރިންގެ މައްޗަށް ޚިޔާނާތުގެ މައްސަލައެއްވެސް ވަނީ އުފުލާފައެވެ.