ކުޅިވަރު

މަގާމުގައި ޖައުޝަން ހުރީ ކޮމިޓީން އެދިގެން، މަސައްކަތްކުރަނީ އުޖޫރައެއް ނެތި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފާއެކު ކުރިއަށްދިޔުމަށް ނުނިންމާ ކަމަށާއި، އެކަމަކު ނޯމަލައިޒޭޝަން ކޮމިޓީއާއެކު މަސައްކަތްކުރަން ތިބިހާ ހިނދަކު އެއްވެސް މީހަކު ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އެ ކޮމިޓީގެ ޗެއާމަން އަޙްމަދު ޒުހޫރު ވިދާޅުވެއްޖެއެވެ. ޒުހޫރު މިހެން ވިދާޅުވީ ގައުމީ ފުޓްބޯޅަ ދަނޑުގެ ވީއައިޕީ ރޫމުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލުކޮށް، އެ ކޮމެޓީގެ ޗެއާމަން ޒުހޫރު ވިދާޅުވީ މިހާރު އެފްއޭއެމް އޮތް ހާލަތުން އިތުރު ހާލަތަކަށް ސޮއްސާލަން ބޭނުންނުވާ ކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތާ ހަވާލުވިއިރު އެއްވެސް މޭޒެއް، ގޮނޑިއެއް، އަދި އެއްވެސް އެއްޗެއް ނެތް ކަމަށާއި، މި ވަގުތު އެފްއޭއެމްގައި ފެންނަ ހުރީ އެ ތަނުގައި ހުރި އިންޓަލެކްޗުއަލް އެސެޓެއް އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

"ކޮންމެހެންވެސް މިވަރު އޯގަނައިޒޭޝަނެއް ހިންގާފައި ތިބި ބައެއްގެ ނޮލެޖެއްވެސް ހުންނާނެ. މިކަންކަން ހިނގާދިޔަ ގޮތުގެ ކޮންމެވެސް ވަރެއްގެ ނޮލެޖެއްވެސް އެ ބޭފުޅުންގެ ހުންނާނެ މިކަމުގައި. އެހެންކަމުން އެ މައުލޫމާތު ލިބިގަތުމަކީ އަޅުގަނޑުމެންގެ އެންމެ މުހިންމު ބޭނުން." ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ ނޯމަލައިޒޭޝަން ކޮމިޓީގެ މަސައްކަތްތައް ފެށުމާއެކު ޖައުޝަންގެ އިސްތިއުފާގެ ސިޓީ ލިބުނު ކަމަށާއި، އެހެންނަމެވެސް އިސްތިއުފާ ދިނުމަކީ ކުޅިވަރުގެ އިލްމު އުނގެނިގެން ހުރި، ކުޅިވަރުގެ ހިންގުތެރިޔަކު ކުރާނެފަދަ ކަމެއް ނޫން ކަމަށް ދެންނެވި ކަމަށެވެ. އަދި މި ވަގުތަށް ބަލާއިރު ކުޅިވަރުގެ ތެރެއިން އެ މަގާމަށް މީހަކު ހޯދުމަށް ފައިސާއެއް ނެތް ކަމަށާއި، ފައިސާ ހޯދޭނެ މަގެއްވެސް އަދި ފެންނަން ނެތް ކަމަށެވެ. އެހެންކަމުން އެ ކަމަށް އަލިމެއްގެ ފެންނަންދެން، ކޮމިޓީއެކު ޖައުޝަން މަސައްކަތް ކޮށްދެއްވުމަށް އެދުނު ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި މި ވަގުތުގެ އެހެން ގޮތެއް ނެތުމުން ޖުލައި މަހުގެ ދެވަނަ ދުވަހުން ފެށިގެން ޖައުޝަންގެ އެއްބަސްވުން ހަމަވި ނަމެވެސް، އޭނާ މަސައްކަތްކުރަމުންދަނީ އުޖޫރައެއް ނެތިކަންވެސް ޒުހޫރު ވަނީ ފާހަގަކުރައްވާފައެވެ.

"މީއީ މުޅި ރާއްޖެއަށް ކޮއްދޭ ކަމެއް. އެހެންކަމުން މިއަދު އެ ބޭފުޅާ އަޅުގަނޑުމެންނާއެކު އެހުރީ އައު ޖެނެރަލް ސެކްރެޓަރީއެއް އަޅުގަނޑުމެންނަށް ހޮވާލެވެންދެން ނުވަތަ އިއުލާން ކުރެވެންދެން, އަޅުގަނޑުމެންނަށް ޖެނެރަލް ސެކްރެޓަރީގެ މުސާރަ ލިބެންދެން، އެ މަގު ތަނަވަސް ވަންދެން." ޒުހޫރު ވިދާޅުވިއެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވާނެކަން އިއުލާން ކޮށްފައިވާ، އަދި އެންމެ ފަހުން ބާއްވަން އުޅުނު ދެ އިންތިޚާބުގައިވެސް ވާދަކުރެއްވި ކުރީގެ ރައީސް އަޙްމަދު ތޯރިގު (ޓޮމް) ވަނީ ޖައުޝަން މަގާމުގައި ހުރުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.