ޚަބަރު

18 އަހަރުގެ އިލެނިކޭނާގެ ލަނޑުން މޮނާކޯ އިން ބާސެލޯނާ ބަލިކޮށްފި


ނައިޖީރިއާގެ ޒުވާން ފޯވާޑް ޖޯޖް އިލެނިކޭނާ ޖެހި ލަނޑާއެކު، ޔުއެފާ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ބާސެލޯނާ އަތުން 2-1 ގެ ނަތީޖާއަކުން ފްރާންސްގެ މޮނާކޯ މޮޅުވެއްޖެއެވެ.

މޮނާކޯގައި ކުޅުނު މި މެޗުގައި ބާސެލޯނާއަށް މައްސަލަތަކާއި ކުރިމަތިލާން ޖެހުނީ މެޗުގެ 10 ވަނަ މިނިޓުގައި އެ ޓީމުގެ އެރިކް ގާސިއާއަށް ދެއްކި ރަތް ކާޑާއެކު އޭނާ ދަނޑުން ފޮނުވާލުމުން، މެޗުގެ ގިނަ ވަގުތު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުންނެވެ.

އެއާއެކު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީ މެޗުގެ 16 ވަނަ މިނިޓުގައި މޮނާކޯ އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މެގްނަލް އަކްލިއޯޗޭއެވެ. ނަމަވެސް އޭގެ 12 މިނިޓް ފަހުން ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ.

މޮނާކޯ އިން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ހޯދައި، މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްފައިވަނީ މެޗުގެ 71 ވަނަ މިނިޓްގައި އިލެނިކޭނާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގައި އަލަށް މޮނާކޯއާ ގުޅުނު އިލެނިކޭނާ، އެ ކުލަބަށް ކުޅުނު ފުރަތަމަ މެޗެވެ.

މި ލަނޑަށްފަހުވެސް މޮނާކޯއިން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދެވަނަ ހާފުގައި މޮނާކޯއަށް ޕެނަލްޓީއެއް ދިނުމަށްފަހު ރެފުރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އެ ނިންމުން ބަދަލުކޮށްފައެވެ.

މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ބާސެލޯނާ ބަލިވެފައިވާއިރު, ތަފާތު ފޯމެޓަކަށް ކުރިއަށްގެންދާ މި މުބާރާތުގައި ކުރިއަށް ދިއުމަށް މިއީ މޮނާކޯއަށް ވަރަށް ރަނގަޅު ފެށުމެކެވެ.