ވިޔަފާރި

ކާބޯތަކެތީގެ ޚިދުމަތްދޭ 77 ތަނެއް ބަލައި ފާސްކޮށްފި


ރަމަޟާން މަހަށް ޚާއްޞަ ކުރައްވައިގެން "ރޯދައާއި ޞިއްޙަތު" ގެ ނަމުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ފެއްޓެވި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތައް ފާސްކުރެއްވުމުގެ ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 77 ތަނެއް ބަލާ ފާސްކޮށްފައިވާކަމަށް އެ އޭޖެންސީން ވިދާޅުވެއްޖެއެވެ.

އިއްޔެ ހަވީރު ފެށި މި ޕްރޮގްރާމް ދެން ކުރިއަށްދާނީ މާދަމާއާއި އާދީއްތަދުވަހުގައެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިއްޔެ ފެށި މި އިންސްޕެކްޝަނަކީ ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ގެންގުޅެންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާން ކުރާ ޤަވާއިދާ އެއްގޮތަށް ކާބޯތަކެތި ވިއްކާ ތަންތަނުން އަމަލުކުރަމުންދޭތޯ ބެލުމަށް ކުރިއަށްގެންދަވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ތެރެއިން ކާބޯތެކެތީގެ ޚިދުމަތްދޭ 77 ތަނެއް އިއްޔެ ބަލާ ފާސްކޮށް މައުލޫމާތުދެވިފައިވާއިރު މީގެތެރެއިން 20 ތަނެއް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ހުއްދަ ދިނުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ޚިލާފްވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އަދި ޖުމްލަ ހަ ތަނެއް  ކާބޯތަކެތީގެ ޚިދުމަތް ދިނުމުގައި ގެންގުޅެންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާން ކުރާ ޤަވާއިދާ ޚިލާފްވެފައިވާކަމަށްވެސް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ.

އެޗްޕީއޭއިން ވިދާޅުވީ މާލޭގެ 331 ތަނެއް ބަލާ ފާސްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ކާބޯތަކެތީގެ ޚިދްމަތް ދިނުމުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑު ބަޔާން ކުރާ ޤަވާއިދުގެ ދަށުން، މި ޚިދްމަތްދޭ ތަންތަން އިންސްޕެކްޓްކުރުމަށް ކުރިޔަށްގެންދަވާ ޕްރޮގްރާމްގައި އިއްޔެ މާލޭގައި ފަށާފައިވާއިރު މާލޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމަށްފަހު ހުޅުމާލެއާއި ވިލިމާލޭގައި ހުރި ކާބޯތަކެތި ވިއްކާ ތަންތަން ބަލާ ފާސްކުރަން ފައްޓަވާނެކަމަށް އެޗްޕީއޭއިން މައުލޫމާތުދެއްވައެވެ.

މި ޕްރޮގްރާމް އަތޮޅުތަކުގައިވެސް ކުރިއަށް ގެންދަވާގޮތަށްވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް އަތޮޅުތަކުގައި ކުރިއަށް ގެންދަވަނީ ޕަބްލިކް ހެލްތް ޔުނިޓްތަކާއި ޞިއްހީ މަރުކަޒުތަކާއި ގުޅިވަޑައިގެންނެވެ. މާލެއާއި، ހުޅުމާލެ، ވިލާމާލެ، އަދި ތިލަފުށި ހިމެނޭ ގޮތައް ކާބޯތަކެތީގެ ޚިދްމަތްދޭ 485 ތަނެއް ބަލާ ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.