ޚަބަރު

އެތުލެޓިކޯ މޮޅުވެ ފެށުން ރަނގަޅުކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ އާރްބީ ލައިޕްޒީގާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑުން ކާމިޔާބުކޮށްފިއެވެ.

އެތުލެޓިކޯގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓުގައި ލައިޕްޒީގުން ވަނީ ލަނޑެއް ޖަހައި އެތުލެޓިކޯގެ މައްޗަށް ކުރި ހޯދާފައެވެ. ނަމަވެސް މެޗުގެ 28 ވަނަ މިނިޓުގައި އެންޓޮއިން ގްރީޒްމަން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 37 ވަނަ ލަނޑެވެ. އަދި މި ލަނޑަށްފަހުވެސް ގްރީޒްމަން ފޮނުވާލި ބާރު ހަމަލާއެއް ލައިޕްޒީގުގެ ގޯލްކީޕަރު ޕީޓާ ގުލާސީ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުން އެތުލެޓިކޯ މޮޅުވި ލަނޑު މެޗުގެ ފަހު ވަގުތު ހޯސޭ މާރިޔާ ހިމެނޭޒް ކާމިޔާބުކޮށްދީފައިވަނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ގްރީޒްމަން ދިން ބޯޅައަކުންނެވެ.

އެތުލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ، މި މެޗުގެ ފުރަތަމަ އެގާރައިން އިނގިރޭސިވިލާތުގެ މިޑްފީލްޑަރު ކޯނޯ ގަލެގާއަށް ފުރުސަތު ދީފައެއް ނުވެއެވެ. ނަމަވެސް މެޗުގެ ނަތީޖާ އެއްވަރުވެފައިވަނިކޮށް، މެޗުގެ 63 ވަނަ މިނިޓުގައި ސިމިއޯނީ ވަނީ އޭނާ ކުޅެން އަރުވާފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯއަށް ކުޅުނު އިނގިރޭސިވިލާތުގެ ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ކުލަބަށް ކުޅެފައިވާ އިނގިރޭސި ކުޅުންތެރިއަކީ ކިއެރަން ޓްރިޕިއާއެވެ.

މި މެޗަށްފަހު މި މުބާރާތުގައި ލައިޕްޒީގުން ދެން ނިކުންނާނީ އަމިއްލަ ދަނޑުގައި އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށެވެ.