ކުޅިވަރު

ފެޔަނޫޑް އަތުން ލެވަކޫސަނަށް ފަސޭހަ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނެދަލެންޑްސްގެ ފެޔަނޫޑް ރޮޓަޑަމް އަތުން ރަށުން ބޭރުގައި 0-4 ގެ ނަތީޖާއަކުން ޖަރުމަނުގެ ބަޔާ ލެވަކޫސަން މޮޅުވެއްޖެއެވެ.

މިއީ ނިމިދިޔަ ސީޒަނުގައި ޖަރުމަނުގެ ޑޮމެސްޓިކް މުބާރާތްތަކުގައި މެޗަކުން ބަލިނުވެ ލީގު ކާމިޔާބުކުރި ލެވަކޫސަނުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. މިދިޔަ ސީޒަނުގައި ޔޫރަޕުގައިވެސް މެޗަކުން ބަލިނުވެ އެ ޓީމުން ކުރި ދަތުރު ނިމުމަކަށް އައީ ޔުއެފާ ޔުރޮޕާ ލީގުގެ ފައިނަލް މެޗުގައެވެ.

ފެޔަނޫޑްގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލެވަކޫސަނުން ވަނީ މޮޅު ކުޅުމެއްދައްކައި، ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މި މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ލެވަކޫސަނުން ލީޑު ނެގީ ފެޔަނޫޑުގެ މިޑްފީލްޑަރު ރާމިޒް ޒެރޫކީއަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ޖަރުމަނުގެ މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެފަހުން މެޗުގެ 30 ވަނަ މިނެޓާއި 36 ވަނަ މިނެޓުގައި ލެވަކޫސަންގެ އަލެހަންދްރޯ ގްރިމާލްޑޯ އާއި ވާޓްޒްގެ ދެވަނަ ލަނޑު ޖެހުމަށް އެހީތެރިވެދިނީ އެ ޓީމަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ހުނަރުވެރި ވިންގް ޖެރެމީ ފްރިމްޕޮންގް އެވެ.

މި މެޗުގައި ލެވަކޫސަނުން ޖެހި ހަތަރުވަނަ ލަނޑަކީ، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ފެޔަނޫޑުގެ ގޯލްކީޕަރު ޓިމޮން ވެލެންރެއުތާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ލެވަކޫސަނުން ފޮނުވާލި ހިލޭޖެހުމެއްގައި، އެ ޓީމުގެ ޑިފެންޑަރު އެޑްމޮންޑް ޓެޕްސޯބާ ބޮލުން ޖައްސާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ފެޔަނޫޑްގެ ކީޕަރުގެ ފައިގައި ޖެހިފައި ވަން ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ 10 ވަރަކަށް މިނެޓުގެ ތެރޭގައި ފެޔަނޫޑުގެ ކެޕްޓަން، ކުއިންޓެން ޓިމްބާއަށް ވަނީ ލަނޑެއް ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޓިމްބާ ފޮނުވާލި ބޯޅަ، ލެވަކޫސަންގެ ކީޕަރު ލޫކަސް ރަޑެޗީ ވަނީ މަތަކޮށްފައެވެ.

އޭގެފަހުން މެޗުގެ 74 ވަނަ މިނެޓުގައި ފެޔަނޫޑްގެ އަޔާސޭ އުއޭޑާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް، އޮފްސައިޑް ކަމަށް ނިންމައި، އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ. އަދި އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލެވަކޫސަނުން ވަނީ ފަސްވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލާފައެވެ. އެގޮތުން އެ ޓީމުގެ އަލެއިކްސް ގާސިއާ ފޮނުވާލި ބޯޅަ، ފެޔަނޫޑްގެ ޑޭވިޑް ހެންކޯ ސަލާމަތްކުރީ ގޯލު ރޮނގުމަތީންނެވެ.

މި މުބާރާތުގައި ލެވަކޫސަނަށް ދެން އޮތީ އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު އަމިއްލަ ދަނޑުގައި އިޓަލީގެ އޭސީ މިލާނާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ. ހަމަ އެ ދުވަހު ފެޔަނޫޑުން ރަށުން ބޭރުގައި ނިކުންނާނީ ސްޕެއިނުގެ ޖިރޯނާއާ ދެކޮޅަށެވެ.