ކުޅިވަރު

ބްރެސްޓުން ފުރަތަމަ މޮޅު ހޯދިއިރު، ބެންފީކާއަށް އުނދަގޫ މޮޅެއް


ޔުއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރި ފުރަތަމަ މެޗުގައި އޮސްޓްރިއާގެ ސްޓާމް ގްރާޒް އަތުން 1-2 ގެ ނަތީޖާއަކުން ފްރާންސްގެ ބްރެސްޓް މޮޅުވިއިރު، ރަށުން ބޭރުގައި ސާބިއާގެ ރެޑް ސްޓަރ ބެލްގްރޭޑް އަތުން ހަމަ އެ ނަތީޖާއިން ޕޯޗުގަލްގެ ބެންފީކާ މޮޅުވެއްޖެއެވެ.

މިއީ 2000 އަދި 2001 ވަނަ އަހަރު ސީޒަނުގެ ފަހުން ސްޓާމް ގްރާޒްއިން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ ފަހަރެވެ.

ބްރެސްޓުގެ ރަސްމީ ދަނޑަކީ ޔުއެފާގެ މިންގަނޑަށް ނުފެތޭ ދަނޑަކަށްވުމުން، ވާދަވެރި ގުއިންގެމްޕުގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ފެށިގެން 23 ވަނަ މިނެޓުގައި އެ ޓީމުގެ ތާރީޚީ ފުރަތަމަ ލަނޑު ޖަހައިދިނީ ހޫގޯ މަގްނެޓީއެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ސްޓާމް ގްރާޒްއިން ނަތީޖާ އެއްވަރުކުރިއިރު، މިއީ ބްރެސްޓްގެ މިޑްފީލްޑަރު އެޑްމިލްސަން ފެނާންޑޭސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެއާއެކު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށިތާ 11 ވަނަ މިނެޓުގައި ބްރެސްޓް މޮޅުވި ތާރީޚީ ލަނޑު ޖަހައިދިނީ އަބްދުﷲ ސިމާއެވެ. އޭގެ ފަހުން މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ސްޓާމް ގްރާޒްގެ ޑިމިޓްރީ ލަވާލީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާދެއް ދެއްކުމުން، އެ ޓީމުން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

މީގެ 74 އަހަރުގެ ކުރިން 1950 ވަނަ އަހަރު އުފެދުނު ބްރެސްޓުން ފްރާންސްގެ ދެވަނަ ޑިވިޝަނުން، އެ ގައުމުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވީ 2019 ވަނަ އަހަރެވެ. އެއަށްފަހު 2021 އަދި 2022 ވަނަ އަހަރުގެ ސީޒަނުގައި 11 ވަނައިގައި އޮވެ ނިންމާލިއިރު، ނިމިދިޔަ ސީޒަނުގައި އެ ޓީމުން ވަނީ ލީގުގެ ތިންވަނަ މަގާމު ހާސިލުކޮށް، ޗެމްޕިއަންސް ލީގުން ފުރަތަމަ ފަހަރަށް ޖާގަ ހޯދާފައެވެ.

މީގެ އިތުރުން މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ރެޑް ސްޓަރ އަތުން ބެންފީކާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޖެހި ލަނޑުތަކުން ބެންފީކާ މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ކަރީމް އަކްތަކޮގްލޫ އާއި އޯރްކުން ކޮކްޗޫއެވެ. މީގެ ތެރެއިން ކޮކްޗޫ ޖެހި ލަނޑަކީ ހިލޭޖެހުމަކުން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. މި މެޗު ނިމެން ދަނިކޮށް، 86 ވަނަ މިނެޓުގައި ރެޑް ސްޓަރ ބެލްގްރޭޑަށް ސުން ކަނޑުވާލައިދިނީ މިލްސަންއެވެ.