ކުޅިވަރު

ކާވާ ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް: ވެމްކޯ ބަލިކޮށް ނޭޕާލުގެ ޕޮލިސް ކުލަބު ފައިނަލަށް


މާލޭގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ކުލަބު ޗެމްޕިއަންޝިޕް 2024 ގައި ފަހަތުން އަރައި ރާއްޖޭގެ ކުލަބު ވެމްކޯ ބަލިކޮށް، ފައިނަލުގެ ޖާގައެއް ނޭޕާލުގެ ޕޮލިސް ކުލަބުން ކަށަވަރުކޮށްފިއެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގައި ފަސް ގައުމަކުން ހަ ކުލަބު ވާދަކުރެއެވެ. އެއީ ރާއްޖޭގެ ވެމްކޯ އާއި ޕޮލިސް ކުލަބުގެ އިތުރުން ނޭޕާލުގެ ޕޮލިސް ކުލަބާއި، ސްރީ ލަންކާގެ އެއަރ ފޯސް އާއި، އުޒްބެކިސްތާންގެ ހުމޯ ވޮލީބޯލް ކުލަބު އަދި ތަޖިކިސްތާންގެ ވޮލީބޯލް ކުލަބު ޑިއަމެޑް އެވެ.

މުބާރާތުގައި މިރޭ ކުޅުނު މެޗުން ނޭޕާލުގެ ޕޮލިސް ކުލަބު މޮޅުވީ ވެމްކޯ އަތުން 3-2 ސެޓުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 25-21 އިން ގެންދިޔައީ ވެމްކޯއިންނެވެ. އެކަމަކު ނޭޕާލުގެ ޕޮލިސް ކުލަބުން ވަނީ ޖެހިގެން އައި ސެޓު 25-20 އިން ކާމިޔާބުކޮށްފައެވެ. މި މެޗުގެ ތިންވަނަ ސެޓު 25-21 އިން ވެމްކޯއިން ކާމިޔާބުކުރި ނަމަވެސް، ނޭޕާލުގެ ޕޮލިސް ކުލަބުން ވަނީ ހަތަރުވަނަ ސެޓު 25-18 އިން ގެންގޮސްފައެވެ. އަދި ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު ނޭޕާލުގެ ޕޮލިސް ކުލަބުން ކާމިޔާބުކޮށްފައިވަނީ 15-13 އިންނެވެ.

މި މޮޅާއެކު ފައިނަލުގެ ޖާގައެއް ނޭޕާލުގެ ޕޮލިސް ކުލަބުން ހޯދިއިރު، އެ ޓީމަށް ވަނީ ކުޅުނު ހަތަރު މެޗުން 11 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް ހުމޯއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ވެމްކޯ ތިންވަނައިގައި އޮތީ ހަތް ޕޮއިންޓާއެކުއެވެ. މި މުބާރާތް ރޭވިފައިވާ ގޮތުން ލީގު ބުރުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރާއިރު، އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތައް ފައިނަލަށް ދަތުރުކުރާނެއެވެ. އަދި ތިންވަނަ އާއި ހަތަރުވަނައިގެ މެދުގައި ލޯ މެޑެލް މެޗު ކުޅޭއިރު، ފަސްވަނަ އާއި ހަވަނައިގެ މެދުގައި ރޭންކިން މެޗެއް ކުޅޭނެއެވެ. އެހެންކަމުން ރާއްޖޭގެ ކުލަބުތަކަށް މިހާރު ވަނީ ފައިނަލްގެ ޖާގައެއް ހޯދުމުގެ އަމިއްލަ ބާރު ގެއްލިފައެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުން ހުމޯ މޮޅުވީ ރާއްޖޭގެ ޕޮލިސް ކުލަބު އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ހުމޯ އިން ގެންދިޔައީ 25-12، 25-15 އަދި 25-10 އިންނެވެ. މި މޮޅާއެކު ފައިނަލުގެ ޖާގައެއް ހޯދުމުގެ އުއްމީދު ހުމޯ އިން ދެމެހެއްޓިއިރު، ލީގު ބުރުގެ ފަހު މެޗުގައި މާދަމާ އެ ޓީމު ނުކުންނާނީ ލަންކާގެ އެއަރ ފޯސްއާ ދެކޮޅަށެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު މެންދުރުފަހު ކުޅުނު މެޗުން ލަންކާގެ އެއަރ ފޯސް ވަނީ ޑިއަމެޑް އަތުން ސީދާ ތިން ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ލަންކާގެ އެއަރ ފޯސް އިން ގެންދިޔައީ 25-11، 25-12 އަދި 25-18 އިންނެވެ.