ޚަބަރު

އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރުކޮށްދީފި


  • މިއީ މިއަހަރުގެ ޓްރެޜަރީ ބިލުގެ ދެވަނަ ބައި

  • ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާކޮށްފައި

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް އިތުރުކުރުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ، ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

މި 50 މިލިއަން ޑޮލަރަކީ ޓްރެޜަރީ ބިލުގެ މިއަހަރުގެ ދައްކަންޖެހޭ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ 13 މެއި 2024 ގައި ރޯލްއޯވާކޮށްފައެވެ.

މި އަހަރުގެ މެއި މަހުގެ 8 އިން 10 އަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ.އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވެވި ދަތުރުފުޅުގައި މިކަމާ ގުޅޭގޮތުން ފޮރިން މިނިސްޓަރ ޒަމީރުވަނީ އިންޑިއާ ސަރުކާރާ މަޝްވަރާކުރައްވައި، މިކަމަށް އެދިފައެވެ.

ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުން ގެންދާ ދީލަތި އެހީތެރިކަން ދިވެހި ސަރުކާރުން ފާހަގަކުރެއެވެ. އަދި، މިއެހީތެރިކަން ލިބިގެން ދިޔައީ އިޤްތިޞާދީ ގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ފިސްކަލް ކޮންސޮލިޑޭޝަން ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއްގައިކަންވެސް ސަރުކާރުން ފާހަގަކުރައްވައެވެ.

ސަރުކާރުން ވިދާޅުވީ މި އެހީއަކީ އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރާމެދު ޒަމާނުއްސުރެ ދޭ އަހަންމިއްޔަތުކަން އަނެއްކާވެސް ދައްކުވައިދޭ ރަމްޒެއްކަމަށެވެ. އަދި ދިވެހި ސަރުކާރުން އުންމީދުކުރަނީ، ދެ ޤައުމުގެ ރައްޔިތުންގެ ލާބައާއި ތަނަވަސްކަމަށްޓަކައި، މި ގުޅުން އިތުރަށް ބަދަހިވެގެން ދިއުންކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ މީގެ ދުވަސްކޮޅެއްކުރިން އިންޑިއާގެ ނޫސްތަކުގައިވެސް އިންޑިއާ ސަރުކާރުން ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތްކަމަށް ބުނެ ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެއިތުރުން އިންޑިއާ ސަރުކާރުން ބަޖެޓް ސަޕޯޓްގެ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދޭން ނިންމިއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް އަވަހަށް އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގެ ނޫސްތަކުގައިވާގޮތުން އެ ދަތުރުފުޅުގެ ތެރެއިންވެސް މާލީ އެހީތެރިކަމާއި ގުޅޭ މަޝްވަރާތައް ކުރިއަށްދާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވިފަހުން އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. މިއަހަރުގެ ޖޫން މަހު ކުރެއްވި އެ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާއި ގުޅިގެން، ބޮޑުވަޒީރު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.