ރާއްޖޭގައި އެއް ރަށެއްގައި ތަރައްޤީގެ އެންމެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރު ހިނގަމުންދާ އެއް ރަށަކީ ގދ. ތިނަދޫއެވެ. ތިނަދޫގައި ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކާއެކު ތިނަދޫއިން މިހާރުވެސް ސިޓީއެއްގެ ކުލަވަރު ފެންނަމުންދާކަމަށް ފިނޭންސް މިނިސްޓަރ ޢަބްދުﷲ ޖިޙާދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ތިނަދޫގައި މިހާރު ހިނގާ ހުރިހާ މަޝްރޫޢެއް 2018ގެ ކުރިން ނިމޭނެކަމަށެވެ. އަދި، މީގެތެރެއިން ގިނަ މަޝްރޫޢުތައް މި އަހަރުގެ އޮގަސްޓް ބާވީހުގެ ކުރިން ނިންމުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި މިމަޝްރޫޢުތައް ނިމުމުން ސިޓީއެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް ތިނަދޫއިން ފެނިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޖިހާދު ވިދާޅުވީ، ތިނަދޫގައި ފަށާފައިވާ ހުރިހާ މަޝްރޫޢުތަކަކީ ތިނަދޫ ސިޓީއަކަށް ބަދަލުކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަޝްރޫޢުތަކެއްކަމަށެވެ.
img:http://s3.psmnews.mv/images/660x400/8715.jpg|ގދ. ތިނަދޫ / ފޮޓޯ: އޮކިއުލާ
ތިނަދޫ ކައުންސިލުން ވިދާޅުވީ ސަރުކާރުން ތިނަދޫގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެ ކައުންސިލުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައިކަމަށެވެ. އަދި ތިނަދޫ ސިޓީއަކަށް ބަދަލުކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކާއި ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ ހުރިހާ މަޝްރޫޢުއަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށްވެސް ތިނަދޫ ކައުންސިލްގެ ނާއިބް ރައީސް އިބްރާހީމް އަސްއަދު ވިދާޅުވިއެވެ.
ތިނަދޫ ސިޓީއަކަށް ހަދަން މަސައްކަތް ކުރަމުންދާއިރު އެރަށުގައި މިހާރު ހިނގަމުންދާ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ގޭސް ޕްލާންޓް އެޅުމާއި ފްލެޓް އެޅުމާއި މަގުތަކުގައި ތާރުއެޅުމާއި ބިންހިއްކުން ފަދަ ބޮޑެތި މަޝްރޫޢުތައް ހިމެނެއެވެ.