ޚަބަރު

ޒިމްބާބްވޭގައި ހައިހޫނުގައި ޖެހިފައިވާ މީހުންނަށް ކާންދޭން 200 އެތް ކަތިލަނީ


ހަތަރުވަނަ ދަހަރަކަށް ދެމިގެން ގޮސްފައިވާ ހަނަފަސްކަމާ ގުޅިގެން ޒިމްބާބްވޭގައި ހައިހޫނުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް 200އެއްހާ އެތް ކަތިލަން ނިންމާފައިވާ ކަން އެ ޤައުމުން ހާމަކޮށްފިއެވެ. މޫސުމަށް އަންނަ ޤުދުރަތީ ބަދަލެއް ކަމުގައިވާ އެލް ނީނިޔޯގެ ސަބަބުން އެފްރިކާ ބައްރުގެ ދެކުނުގެ ބޮޑު ސަރަޙައްދަކަށް ވަނީ ހަނަފަސްކަމާ ކުރިމަތިވެފައެވެ. އަދި, އެ ކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާ މީހުންގެ ޢަދަދު 68 މިލިޔަނަށް އަރައެވެ.

"ޤައުމުގެ އެކި ކަންކޮޅުތަކުގައި 200އެއްހާ އެތް ކަތިލަން ނިންމާފައިވާ ކަން ހާމަ ކުރަން. އެ ކަން ކުރާނެ ގޮތްތަކެއް އަދި އަމަލު ކުރާނެ ގޮތެއް ކަނޑައެޅުމަށް މިހާރު މި ދަނީ މަސައްކަތް ކުރަމުން،" ޒިމްބާބްވޭގެ ޕާކުތަކާއި ވަލުޖަނަވާރާ ބެހޭ އިދާރާ (ޒިމްޕާކްސް)ގެ ތަރުޖަމާނު ޓިނާޝޭ ފަރާވޯ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ, އެތްތައް ކަތިލުމަށް ފަހު ހައިހޫނުގައި ޖެހިފައިވާ މީހުންނަށް އޭގެ މަސް ފޯރު ކޮށްދެވޭނެ ކަމުގައެވެ.

އެއީ, 1988ވަނަ އަހަރަށް ފަހު ޒިމްބާބްވޭގައި އެތްތަކެއް ކަތިލާ ފުރަތަމަ ފަހަރެވެ. ޒިމްބާބްވޭއާ އިންވެގެން އޮތް ނެމީބިޔާގައި ވެސް ހައިހޫނުގައި ޖެހިފައިވާ މީހުންނަށް ކާންދިނުމަށް 83 އެތް ކަތިލަން ނިންމާފައިވާ ކަން އެ ޤައުމުން ހުސްވި މަހު ހާމަކުރިއެވެ. އެފްރިކާ ބައްރުގެ ދެކުނުގެ ޤައުމުތަކަކީ, އެންމެ ގިނަ ޢަދަދެއްގެ އެތް ދިރިއުޅޭ ސަރަޙައްދެވެ. އެ ސަރަޙައްދުގެ ޤައުމުތަކުގައި 200,000އެއްހާ އެތް ދިރިއުޅޭ ކަމަށް ބެލެވެއެވެ. އެ ޖަނަވާރުތައް ދިރިއުޅޭ ޤައުމުތަކުގެ ތެރޭގައި ޒިމްބާބްވޭ, ޒެމްބިޔާ, ބޮޓްސްވާނާ, އެންގޯލާ އަދި ނެމީބިޔާ ހިމެނެއެވެ.

ފަރާވޯ ވިދާޅުވީ ޒިމްބާބްވޭގައި ދިރިއުޅޭ އެތުގެ އާބާދީ 84,000އަށް އަރާ ކަމުގައެވެ. ނަމަވެސް, 55,000އަށްވުރެ ގިނަ އެތަށް ކާބޯތަކެތި ފޯރުކޮށްދެވޭނެ ޤުދުރަތީ ވަސީލަތްތައް އެ ޤައުމުގައި ނެތް ކަމުގައެވެ. އަދި, 200އެއްހާ އެތް ކަތިލުމުން, އެ ޖަނަވާރުގެ އާބާދީ ކޮންޓްރޯލް ކުރުމަށް ފަސޭހަވެގެން ދާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ހަނަފަސްކަން ކުރިމަތިވުމާ ގުޅިގެން ކާބޯތަކެތި ހޯދަން ދަތިވެ, އިންސާނުންގެ ވަލުޖަނަވާރާ ދެމެދު ހިނގާ ކުރިމަތިލުންތައް އިތުރުވެފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ. ހުސްވި އަހަރު, އިންސާނުން ދިރިއުޅޭ ސަރަޙައްދުތަކަށް ކާބޯތަކެތި ހޯދުމަށް އެތްތަކެއް ވަދެ ދިން ޙަމަލާތަކެއްގައި ޒިމްބާބުވޭން 50 މީހުން މަރުވިއެވެ.

ޒިމްބާބްވޭއަކީ އެތުގެ އެންމެ ބޮޑު އާބާދީއެއް އޮތް ޤައުމެވެ. އަދި, އެތް ހިމާޔަތް ކުރަން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ޤައުމެކެވެ. ނަމަވެސް, އެ ޤައުމުން މިހާރު ދަނީ އައިވަރީ, ނުވަތަ އެތުދަތް ވިއްކުމުގެ ހުއްދަ ހޯދަން އދއަށް ބާރު އަޅަމުންނެވެ. ޒިމްބާބްވޭގައި ފައިދާއެއް ނުލިބި ހުރި އެތުދަތުގެ އަގު 600 މިލިޔަން ޑޮލަރަށް އަރާ ކަމަށް އަންދާޒާ ކުރެވެއެވެ.