ޚަބަރު

ނޭޕާލްގެ ޤާނޫނުއަސާސީ ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ އިސްވެރިންނަށް ރައީސް ފޮނުއްވައިފި


  • ނޭޕާލްގެ ކޮންސްޓިޓިއުޝަން ދުވަހަކީީ 20 ސެޕްޓެންބަރު 2015 ގައި ފާހަގަކުރަން ފެށި ދުވަހެއް

ނޭޕާލްގެ ޤާނޫނުއަސާސީ ދުވަހުގެ މުނާސަބަތުގައި، އެ ޤައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަދި ބޮޑުވަޒީރު ކޭ.ޕީ. ޝަރްމާ އޮލީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މިދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ރާއްޖެއާއި ނޭޕާލާއި ދެމެދުގައި އޮތް ގުޅުމަކީ ދެޤައުމުގެ މެދުގައި އޮންނަ އިޙްތިރާމާއި، ރައްޔިތުންގެ މެދުގައި އޮތް ދެމެހެއްޓެނިވި ގުޅުމެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ޒަމާނުއްސުރެ ދެ ޤައުމުގެ މެދުގައި އޮތް މި ގުޅުން ދެގައުމަށް ލާބައާއި މަންފާވާނެހެން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ނޭޕާލްގެ ކޮންސްޓިޓިއުޝަން ޑޭ ނުވަތަ ޤާނޫނުއަސާސީ ދުވަސް ފާހަގަކުރަނީ 20 ސެޕްޓެންބަރު 2015 ގައި އެ ޤައުމުގެ އައު ޤާނޫނު އަސާސީ ތަންފީޒުކުރަން ފެށި ދުވަހާ ގުޅުވައިގެންނެވެ.